ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ ވެރިކަމުގައި ޚާއްސަ އިނާޔަތުގެ ދަށުން ދޫކުރި ލޯނުގެ ބައެއް ފައިސާ އަދިވެސް ނުލިބޭ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
21 އޯގަސްޓް 2016 - 17:40
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ޚާއްސަ އިނާޔަތުގެ ދަށުން އެކި ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ދިން މުއްދަތު އިތުރު ކުރުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި 1992 އިން ފެށިގެން އެކި ފަހަރުމަތިން އަމިއްލަ ފަރާތްތަކަށް ސަރުކާރުން ލޯނު ދޫކޮށްފައިވާއިރު އެ ލޯނުތައް ދެއްކުމުގެ މުއްދަތު 2008 ގައި ސަރުކާރުން ވަނީ އިތުރުކޮށްދީފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ލޯނުތަކުން ދައުލަތަށް 79 މިލިއަން ރުފިޔާ ނުލިބި ހުއްޓެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ސަބަބެެއް ކަމަށް ބުނެފައި ވަނީ ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ކަމަށް ވާތީ އާއި އެ ލޯނުތައް ބެލެހެއްޓުން ވެސް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށް ހިސާބު ބަލަހައްޓަމުން ދާތީ އެވެ.
މީގެ އިތުރުން އޭގެ ތެރެއިން ނުލިބި ހުރި ލޯންތަކުން ބޮޑު އަދަދެއް އިންޓްރެސްޓްގެ ގޮތުގައި ދައުލަތަށް ލިބެމުންދާ ކަމަށާއި އަދި ލޯނުތައް ދެއްކުން ރީ ޝެޑިއުލްކޮށް، އާ ޝެޑިއުލާ އެއްގޮތަށް ފައިސާ ދައްކަން އެންގުމުގެ މަސައްކަތް ވެސް ފިނޭންސުން މިހާރު ކުރަމުން ގެންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. ލޯނު ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ފިނޭންސުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީ އިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް ނުލިބި ހުރި 79 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 29 މިލިއަން ރުފިޔާ ދައުލަތަށް ހޯދާފައިވާތީ އެ ފައިސާ ހޯދަން ފިނޭންސް އިން މަސައްކަތް ނުކުރާ ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ނިންމިޔަސް އޭސީސީން ވަނީ އޭގެ ބައެއް ކަންކަން އިސްލާހު ކުރަން ފިނޭންސަށް އަންގައިފަ އެވެ. އެގޮތުން ފައިސާ ހޯދުމުގައި ލަސްވާ ކަން ފާހަގަވެފައިވާތީ އެކަން އަވަސް ކުރުމަށާއި ކޯޓަށް ގޮސްގެން ވެސް ފައިސާ ހޯދުމުގެ މަރުހަލާ އަވަސް ކުރަން ވަނީ އަންގައިފަ އެވެ.
ލޯނުތަކުގެ ލިސްޓުގައި ބައެއް ލޯނުތަކުގެ ސީރިއަލް ނަމްބަރުތައް ނެތުމުން އެކަން އިސްލާހު ކުރުމަށާއި ލޯނު ނުދައްކާ ފަރާތްތައް ބްލެކް ލިސްޓްކޮށް، ބޭންކްތަކަށް އެ ފަރާތްތަކުގެ މައުލޫމާތު ފޮނުވަން ވެސް އޭސީސީން ވަނީ ފިނޭންސަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަޑަން
22 August 2016
މައުމޫނު ކުރި އެއްކަމެއްވެސް މިހާރު ގޯހެއްނުވާނެ.