ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި

ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް ޝަރީއަތް ހިންގުމާ ބެހޭ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.


ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން ހެދި ކުޑަކުދިންގެ އަދުލުގެ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރު ނުވާ ކުޑަކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ ކުއްޖާ ބާލިޣުވެފައިވާ ނަމަ އަދި ހައްދު ކަނޑައެޅިފައިވާ ކުށުގެ މައްސަލަތަކުގައި އެކަންޏެވެ. އަދި 10 އަހަރު ފުރުމަށް ފަހު، 15 އަހަރު ފުރުމާ ދެމެދު ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ޖިނާއީ ބޮޑެތި ކުށްތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި ރޭޕް ފަދަ ސީރިއަސް ކުށްތައް ހިމެނެ އެވެ.

އެ ގަވާއިދު ބުނާގޮތުން 15 އަހަރު ފުރުމަށް ފަހު ކުރާ ކޮންމެ ކުށެއްގެ ޖިނާއީ މަސްއޫލިއްޔަތު ކުޑަކުދިން އުފުލަން ޖެހޭނެ އެވެ. އަދި ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އުފުލަންޖެހޭ މަދަނީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ ކުއްޖަކަށް 18 އަހަރު ވަންދެން، އެ ކުއްޖާ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެކަމަކު 18 އަހަރު ނުވިޔަސް، އެ ކުއްޖާ އަމިއްލަ އަށް އާމްދަނީ ހޯދާ ނަމަ އެ ކުއްޖަކު މަދަނީ މަސްއޫލިއްޔަތު ވެސް އުފުލަން ޖެހެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ސީރިއަސް އަދި ބޮޑެތި ނޫން ކުށްތަކުގެ ތުހުމަތު ކުރެވޭ ކުދިންނަށް ތަހުގީގު މަރުހަލާގައި އަދި ދައުވާ އުފުލުމުގެ މަރުހަލާގައި ވެސް އިތުރު ފުރުސަތުތަކެއް ދިނުމުގެ ބާރު އޮންނާނެ އެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އިންޒާރު ދިނުމަށް ފަހު، އެ ކުއްޖަކަށް އިތުރު ފުރުސަތެއް ދިނުމުގެ ބާރު ފުލުހުންނަށް ލިބޭއިރު، ދައުވާ ކުރުމުގެ މަރުހަލާގައި ވެސް، ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ތުހުމަތު ކުރެވޭ ކުއްޖާ ހިމެނޭ ގޮތަށް، ކަމާބެހޭ ފަރާތްތަކާ އެކު ރެސްޓޮރޭޓިވް ޖަސްޓިސް ކޮންފަރެންސެއް ބޭއްވުމަށް ފަހު، ދައުވާ ނުކޮށް އެ މައްސަލައެއް ދޫކޮށްލުމުގެ ބާރު ވެސް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ކޮންފަރެންސް ނިމޭއިރު، ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ޝަރުތުތަކެއް ކޮށްފައިވާ ނަމަ، އެކަން އޭނާ ފުރިހަމަ ކުރެވޭތޯ ބަލަން އެ ގަވާއިދު ލާޒިމް ކުރެ އެވެ.

އެ ގަވާއިދު ބުނާގޮތުން ސީރިއަސް ނޫން ކުށްތަކުގައި ދައުވާ އުފުލުމުގެ ކުރިން ކޯޓު މެދުވެރިކޮށް ވެސް ކުޑަކުދިން އެކި ޕްރޮގްރާމްތަކުގައި ބައިވެރި ކުރުވައި، އިސްލާހު ކުރުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮޮތުން ކައުންސެލިން ސެޝަންތަކާއި އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވާން އެ ކުއްޖަކަށް އަމުރު ކުރުމުގެ ބާރު ކޯޓަށް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ކުޑަކުއްޖަކަށް ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ރެސްޓޮރޭޓިވް ކޮންފަރެންސެއް ބާއްވައިގެން އެ މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރުމުގެ ބާރު ކޯޓަށް އޮންނާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ކުޑަކުދިން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލު ކުރަންޖެހޭ އިޖްރާއާތުތައް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކޮންމެހެން ހައްޔަރު ކުރަންޖެހޭ ހާލަތުގައި މެނުވީ ކުޑަކުދިން ހައްޔަރު ނުކުރުމާއި އަލަށް ހައްޔަރުކުރާ ކުދިންނާއި، ކުށް ތަކުރާރުކުރާ ކުދިންނާ އެއް ތަނެއްގައި ނުވަތަ އެފަދަ ކުދިންގެ އަޑު އިވޭ ތަނެއްގައި ނުބޭތިއްބުމުގެ އިތުރުން ބޮޑެތި މީހުން ބަންދު ކޮށްފައި ތިބޭ ތަންތަނުގައި ކުޑަކުދިން ބަންދު ނުކުރަން ވެސް އެ ގަވާއިދު ލާޒިމް ކުރެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ކުށް ސާބިތުވާ ކުޑަކުދިންގެ މައްޗަށް ކަނޑައަޅަން ޖެހޭނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި އެވެ. އަދި އަދަބު ކަނޑައެޅުމުގެ ބަދަލުގައި، ކުށް ސާބިތުވާ ކުދިންގެ މައްޗަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވާން އަމުރު ކުރުމުގެ ބާރު ވެސް އެ ގަވާއިދުގެ ދަށުން ކޯޓަށް ލިބިދެ އެވެ. އެކަމަކު އެ ޕްރޮގްރާމްތަކުގެ ޝަރުތާ ޚިލާފްވެއްޖެ ނަމަ، ގާނޫނުގައިވާ އަދަބެއް އެ ކުއްޖަކަށް ދެވޭނެ އެވެ.

މީގެ އިތުރުން ވެސް ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމާއި ކުޑަކުދިން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތަކާއި އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖްރާއާތުތައް ވެސް އެ ގަވާއިދުގައިވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލިއިރު، ކުޑަކުދިންގެ މައްސަލަތައް ބަލައި ތަހުގީގުކޮށް، ޝަރީއަތް ހިންގުމާ ބެހޭގޮތުން ކުރިން އޮތް ގަވާއިދުގެ މުއްދަތު އިތުރު ނުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު އޮތީ ނިންމައިފަ އެވެ. އެހެންވެ، ކުރީގެ ގަވާއިދު އޮތީ އުވިފަ އެވެ.