ގައުމީ އިނާމާއި ހާއްސަ އިނާމު ދެ ރަސްމިއްޔާތެއްގައި ދޭން ރައީސް ލަފާ ދެއްވައިފި

ގައުމަށް އަގުހުރި ހިދުމަތްކުރާ ފަރާތްތަކަށް ދެއްވާ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު ދެ ރަސްމިއްޔާތެއްގައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިނާމާ ބެހޭ ކޮމެޓީއަށް އިއްޔެ ލަފާދެއްވައިފި އެވެ.


ރައީސް އޮފީހުން ބުނީ އަލަށް އެކުލަވާލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީ އާއި ހާއްސަ އިނާމާބެހޭ ކޮމިޓީގެ މެމްބަރުންނާ އިއްޔެ ރައީސް އޮފީހުގައި ރައީސް ބައްދަލު ކުރައްވައި އެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އިނާމުގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ބައެއް ލަފާފުޅުތައް ރައީސް ދެއްވި އެވެ. އެގޮތުން ގައުމީ އިނާމާއި ހާއްސަ އިނާމު ވަކިން ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭގޮތުން، އިނާމާ ބެހޭ ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު އެމަނިކުފާނަށް ލަފާ ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މިހާތަނަށް ގައުމީ އިނާމާއި ހާއްސަ އިނާމު ދެމުން އަންނަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

އިނާމް ދޭ ބޭފުޅުން ކަނޑައެޅުން ހަރުދަނާކުރުމަށް ވެސް ރައީސް އިއްޔެ ލަފާ ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ހިދުމަތް ކުރައްވާ ދާއިރާއަކުން އިނާމު ހައްގު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ހާއްސަ އިނާމު ދިނުމުގައި މިހާރު ބަލާ މިންގަނޑުތައް އަލުން ދިރާސާ ކޮށް، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައީސް ލަފާދެއްވާފައިވެ އެވެ. އެގޮތުން ބޭރުން ތައުލީމު ހާސިލުކުރާ ފަރާތްތަކަށް މުޅި ޔުނިވާސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 ޕަސެންޓް ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި އިސްލާހުކޮށް އެ ދަރިވަރުންގެ އަގުވަޒަންކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް ލަފާދެއްވި އެވެ.