ޕީޕީއެމް ކޮންގްރެސްގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.


ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ޚާއްސަ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ހައި ކޯޓުން ކުރިން އަމުރު ކޮށްފައި އޮތީ އެ ކޮންގްރެސް ބަލައިގަތުމަށެވެ.

ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައި ވަނީ ޕާޓީގެ ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. ޕާޓީތަކުން ވެސް އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި ބުނާ ކަން ފާހަގަކޮށް، ޕާޓީތަކުން ވެސް ގަވާއިދާ ޚިލާފަށް ކުރާ ކަންކަަމަކީ ގާނޫނީ ގޮތުން ބާތިލްވާނެ ކަންކަން ކަމަށެވެ.

ޕީޕީއެމްގެ ހިންގާ ގަވާއިދުގައި، ޕާޓީގެ ކޮންގްރެސްގައި ވޯޓު ނަގަން ޖެހޭނީ ވަކި ގޮތަކަށް ވޯޓިން ބޫތު ބަހައްޓައިގެން ކަމަށް ބުނެފައި ވިޔަސް، ނޫރު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި ވޯޓު ނެގީ އެ އުސޫލާ ޚިލާފަށެވެ. އެގޮތުން އެ ކޮންގްރެސްގައި ވޯޓުގައި ނެގީ މަންދޫބުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެން ކަމަށް ނޫރު ވިދާޅުވި އެވެ.

އެ ކޮންގްރެސްގައި ޕާޓީގެ ހިންގާ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ކައުންސިިލުން ނިންމި ކަމަށާއި އެއީ ވެސް ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ނޫރު ވިދާޅުވި އެވެ. ގަވާއިދު އިސްލާހު ކުރުމުގެ ބަދަލުގައި ގަވާއިދުގެ ވަކި ބަޔަކަށް އަމަލު ނުކުރަން ނިންމުމުގެ ބާރު ޕާޓީއަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ޕާޓީގެ ކައުންސިލުން ނިންމި ކަމަށް ޕާޓީން ކުރި އިއުލާނެއްގައި އޮތަސް، އެކަން ކައުންސިލްގެ ޔައުމިއްޔާއިން އެނގޭކަށް ނެތެވެ. އަދި ހިންގާ ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ކައުންސިލަށް އޮތްއިރު، އެގޮތަށް އަމަލު ނުކޮށް، ވަކި ބަޔަކަށް އަމަލު ނުކުރަން ނިންމި ސަބަބާ މެދު ވެސް ވަކީލް ނޫރު ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ކޮންގްރެސްގައި ވޯޓުލި ބައެއް މީހުންގެ މައުލޫމާތު ކޮމިޝަނަށް ކަށަވަރު ނުކުރެވޭ ކަމަށާއި އަދި އެ ކޮންގްރެސްގައި ތިން ނައިބު ރައީސުން އިންތިޚާބު ކުރާނެ ކަމަށް ކުރިން އިއުލާން ކުރިޔަސް، އެ ކޮންގްރެސް ނިމުނުއިރު ހަތަރު ނައިބު ރައީސުން އިންތިޚާބު ކުރި ކަމަށް ވެސް ވަކީލް ނޫރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް ވަކީލް ނޫރު އެދިވަޑައިގަތީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

ޖަވާބުގައި ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޚާއްސަ ކޮންގްރެސްގައި އަމަލު ކުރާނެ ގޮތްތައް ނިންމުމުގެ ބާރު ޕާޓީގެ ކައުންސިލަށް އޮންނާނެ ކަމަށެވެ. އަދި ހިންގާ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ނިންމީ ޚާއްސަ ކޮންގްރެސްގައި އަމަލު ކުރާނެ ގޮތްތަކެއް ގަވާއިދުގައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އާންމު ކޮންގްރެސްއެއް ބާއްވާ ނަމަ، ބައެއް ކަންކަން ކުރުމަށް ވަކި މުއްދަތުތަކެއް ދޭންޖެހޭ ކަމަށް ގަވާއިދުގައި އޮތްއިރު ޚާއްސަ ކޮންގްރެސް ބާއްވަން ކައުންސިިލުން ކަނޑައެޅި ތާރީޚުގައި، އެ ކަންކަން ފުރިހަމަ ކުރަން ގަވާއިދުގައި ބުނާ އެ މުއްދަތުތައް ނުލިބޭ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި ކޮންގްރެސް ބާއްވާނެ ތާރީޚު ދުރާލާ ކޮމިޝަނަށް އެންގި ކަމަށާއި އެކަމާ މެދު ކޮމިޝަނުން އެއްވެސް މައްސަލައެއް ފާހަގަ ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދިޔައީ ގަވާއިދުތަކާ އެއްގޮތަށެވެ. ކޮންގްރެސް ހިނގަމުން ދިޔައިރު އިލެކްޝަންސް ކޮމިޝަންގެ މަންދޫބުން ކޮންގްރެސް އޮބްޒާވް ކުރަމުން ދިޔަ ކަމަށާއި އެ ވަގުތު އެތަނުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާ ކަމަށް ކޮމިޝަންގެ މަންދޫބުން ބުނެފައިނުވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ.

ވޯޓިން ބޫތު ނެތް މައްސަލައާ ގުޅިގެން ޝިޔާޒް ވިދާޅުވީ ވޯޓިން ބޫތު ނެތަސް، ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް ކަމަށާއި އެކަމާ މެދު އެއްވެސް މަންދޫބަކު ޝަކުވާ ކޮށްފައިނުވާ ކަމަށެވެ. އަދި ވޯޓިން ބޫތެއް ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ކޮންގްރެސް ސައްހަ ނުވާނެ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ ކޮންގްރެސް ބަލައިގަތުމަށް ހައި ކޯޓުން އަމުރުކުރީ ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައި ދިނުމަށެވެ.

ދެ ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އެކަމަކު ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާނެއް ނުކުރައްވަ އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް ދިޔައިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ. މައުމޫންއާ ޕާޓީ ހިންގުން ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި އެ ދެ މައްސަލަ އެ ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.