ހައިވޭގައި ކުޑަކުއްޖަކު ލައްވައި ސައިކަލު ދުއްވި މައްސަލަ ފުލުހުން ބަލަނީ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވި މައްސަަލަ ފުލުހުން ބަލަން ފަށައިފި އެވެ.


ހައިވޭގައި ކުޑަކުއްޖަކު ލައްވައި ސައިކަލު ދުއްވާ ވީޑިއޯއެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު ދުއްވަނީ ދިހަ ވަރަކަށް އަހަރުގެ އެ ކުއްޖާ ސައިކަލުގެ ކުރީގައި ބައިންދައިގެންނެވެ. ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެން އެ ކުއްޖާ ދުއްވާއިރު، ފަހަތުގައި އިންނަނީ ފިރިހެނެކެވެ.

މީގެކުރިން ވެސް އެގޮތަށް ކުޑަކުއްޖަކު ލައްވައި، ސައިކަލު ދުއްވި ވީޑިއޯއެއް އާންމުވި އެވެ.