ސިފައިންނަށް ގާނޫނާ ޚިލާފު އަމުރެއް ނުކުރާނަން: ރައީސް

ސިފައިންނަށް ގާނޫނާ ޚިލާފު އަމުރުތަކެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ބެޗު ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ސިފައިންނަށް، މި ސަރުކާރުން އަންގާނީ ގާނޫނާއި ގަވާއިދުތަކާ ޚިލާފު ނުވާ އެންގުންތައް ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ބެޗު ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ޑްރިލްއެއް މިރޭ ދައްކާލަނީ.-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ހަމަ ގައިމު ވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ގާނޫނާ ޚިލާފު އަމުރުތަކެއް ނުކުރާނަން،" ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ގައުމީ ދިފާއީ ބާރުގެ މައްޗަށް ގާނޫނާ ޚިލާފު އަމުރު ނުކުރާނެ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއިރު، ކުރީގެ ސަރުކާރުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ސިފައިންނަށް ގާނޫނާ ޚިލާފު ކަންތައްތަކަށް އަމުރު ކުރެއްވި ކަމުގެ ތުހުމަތު ކުރެ އެވެ. އަދި ސިޔާސީ މަސައްކަތްތަކުގައި ސިފައިން ބައިވެރި ކުރުމުގެ ފާޑުކިޔުންތައް ވެސް ޔާމީނަށް އަމާޒުވެފައި ވެ އެވެ. އެފަދަ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފަހުން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ވަހީދުގެ އިސްތަށިފުޅުގައި ވެސް އެޅިފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، ސިފައިންގެ އެންމެ މުހިއްމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫނެވެ. ހަނގުރާމައިގެ ނަސްރުން ލިބޭ އުފަލަކަށް ވުރެ، މިނިވަންކަމާއި ސުލްހަވެރިކަން ގާއިމްވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ބެޗު ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ތި ހިތްވަރުގަދަ ސިފައިންނަކީ މިނިވަންކަމާއި ސުލްހަވެރިކަމާ އެކު ބައިނަލްއަގްވާމީ މުޖުތަމައު އަށް، މި ރާއްޖެ އަށް ނޭވާލެވޭ މައިގަނޑު ސަބަބު. ގައުމުގެ ދާޚިލީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ވެސް ސިފައިންގެ މަސައްކަތަކީ އަގު ނުކުރެވޭހާ ގިނަގުނަ މުހިއްމު ޚިދުމަތްތަކެއް،" ރައީސް ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމުން ފާހަގަވީ ސިފައިންގެ އެތެރޭގެ ކަންތައްތަކަށް ވެސް އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭކަން ކަމަށާއި ހުރިހާ ގިންތިއެއްގެ ސިފައިންނަކީ ވެސް ޒިންމާދާރުކަމާ އެކު ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުމަށްޓަކައި، ސިފައިންގެ ގަވާއިދުތަކާއި އުސޫލުތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ބެޗު ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވީ ސިފައިންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެގޮތުން، ސިފްކޯގެ ފްލެޓުތަކުގެ މަސައްކަތް މިހާރަށް ވުރެ އަވަސް ކުރުމަށްޓަކައި ހަރުދަނާ އުސޫލެއްގެ ތެރެއިން، އެ ފްލެޓުތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިފައިންގެ ވެލްފެއާގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅު ކުރުުމަށް ރާއްވަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭ ހުވާކުރި ސިފައިންނަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި، އަސްކަރީ އަޚުލާގަށާއި އަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ ބައެކެވެ. އެހެންކަމުން ރާއްޖޭގެ ދިފާއީ ބާރާ މަތިވެފައިވާ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއި ވަރުގަދަ އަޒުމެއްގެ މަތީގައި ސާބިތުވެ ތިބެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.