ކޮންމެ ބޮޑު ކަމެއްގައި އެންމެ ފުރަތަމަ ތެދުވާނީ ސިފައިން: ރައީސް

ދިވެހި ދައުލަތާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ސިފައިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ކަޅުތުއްކަލާ ކޮށީގައި މިރޭ ސިފައިންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހާލަތުގައި ސިފައިން ކުރީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ސިފައިން ކުރީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އެނގި ތިބެ، ފުރާނަ އަށް ކުރިމަތިވެދާނެ ނުރައްކަލަށް ބެލުމެއް ނެތި ކަމަށެވެ. އަދި އެކަން މުޅި ރާއްޖެ ބަލައިގަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ބޮޑު ކަމެއްގައި އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި ދިވެހި ދައުލަތާއިި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން. ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށް މިހާތަނަށް ކުރި މަސައްކަތުގައި ވެސް އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައި ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި ހަރުދަނާކަމާއި ގާބިލްކަމާއިި ގައުމަށް ޚިދުމަތް ކުރުމުގައި އެއްވެސް ވަރުބަލި ކަމެއް ނެތި ތިބިި ތަން،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ރައީސާއި މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން -- ފޮޓޯ/މިިހާރު

ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށުމުން އެންމެ މުހިންމު މަސައްކަތްތައް ކުރި އެއް ބަޔަކީ ސިފައިން ކަމަށާއި އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވީ ވަރަށް ބޮޑު ލީޑާޝިޕެއް ކަމަށެވެ.

"މިނިސްޓަރު މާރިިޔާ އަކީ ވަރަށް އާދަޔާ ޚިލާފް ލީޑާޝިޕެއްގެ ވެރި ބޭފުޅެއް. ވަރަށް ގިނަ އިދާރާތައް ހިމެނޭ ގޮތަށް އަޅުގަނޑު އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކޮވިޑް-19ގެ އެންމެހައި ކަންކަން ވިލަރެސް ކުރެއްވުމުގައި އެކަމަނާގެ ލީޑާޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދެއްވައިފި،" މާރިޔާ ވެސް ބައިވެރިވެ ވަޑައިގަތް އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން ސަރުކާރުން ގެންދަނީ ދިފާއީ މައި ތަނބަކީ ސިފައިން ކަމަށް ބަލައިގެން ކަމަށާއި އެހެންވެ، ސިފައިންގެ ގާބިލްކަން އިތުރު ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންވެ، ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރަން ވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރުން ދިވެހި ސިފައިންގެ ގައުމީ ޚިދުމަތް މިހާރަށް ވުރެ ވެސް ފުރިހަމައަށް ދިވެހި ގައުުމަށް ލިބެމުންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ސިފައިންނާ ބައްދަލު ކުރެއްވިއިރު، އެމަނިކުފާނު މިއަދު ވަނީ ފުލުހުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.