އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގެ ކުރީގެ ސީއީއޯ ހަވަޑް ޝޮލްޒް އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިބާހަށް ވާދަކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރު ސްޓާބަކްސް އިން އިސްތިއުފާ ދެއްވި ހަވަޑް، 65، ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ސީރިއަސްކޮށް ވިސްނާފައިވާ ކަމަށާއި ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ސީބީއެސްގެ "60 މިނިޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ހަވަޑް ދާދި ފަހުން ވިދާޅުވީ ރިބަޕްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ކޯޅުންތަކާ ހެދި ގައުމު މިހާރު ވަރަށް ބޮޑަށް ބައިވައިވެފައިވާ ކަމަށާއި އެމެރިކާ އަށް މިހާރު ބޭނުންވަނީ މިނިވަން ވެރިއެއް ކަމަށެވެ.
އޭނާ އަންނަ އަހަރު ވެރިކަމަށް ވާދަ ކުރަން ނިންމުމުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަ ކުރަން ނިންމާފައިވާ ޖުލިއަން ކާސްޓްރޯ ވަނީ ހަވަޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
އޭނާ ސީއެންއެން އަށް ވިދާޅުވީ ހަވަޑް އިންތިހާބަށް ވާދަކުރެއްވުމަކީ އަނެއްކާ ވެސް އަލުން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަގާމު ފަހިކޮށް ދެއްވުން ކަމަށެވެ. އެހެންވެ ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ޖުލިއަން ވަނީ ހަވަޑް އަށް ގޮވާލައްވައިފަ އެވެެ.
އަދި ހަމަ މިއާ އެކު ޓްރަމްޕް ވެސް ވަނީ ހަވަޑަކީ ވެރިކަމަށް ވާދަކުރެއްވުމުގެ ހިތްވަރު ހުރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އަދި ވެރިކަން ކުރެއްވޭ ވަރުގެ "ސްމާޓް މީހާ" ހުންނެވީ މަގާމުގައި ކަމަށް ވިދާޅުވި އެވެ.