ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށް އަދީބު އަނބުރާ ޖަލަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން ކުރި އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އެންގުމުން އޭނާ މިއަދު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.


އަދީބު ގެއަށް ބަދަލު ކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެކަން ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދުމުންނެވެ.

ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އަދީބު ގެއަށް ބަދަލުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމެއް އިއްވަންދެން އޭނާ ގެއަށް ބަދަލު ކުރުމަށެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ހަވީރު ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އަދީބު ގެއަށް ބަދަލު ކުރި އަމުރު ތަންފީޒު ނުކުރުމަށެވެ.

ކަރެކްޝަންސްގެ ގާޑުން އަދީބު ދިރިއުޅުއްވާ ގ. ހުމަށި އަށް ގޮސް އޭނާ އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ ދެ ގަޑިއިރު ތެރޭގަ އެވެ.

އަދީބު ގެއަށް ބަދަލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެކޮޅު ހައްދަވާތީ އެކަމާ ޕްރެޝަރު ކުރިމަތިވެފައި ވަނިކޮށް މިއަދު މިނިސްޓަރު ވިދާޅުވެފައި ވަނީ "އިސްލާމް ދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި" ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

ކިޑުނީގައި އުފެދިފައިވާ ހިލަތައް ނައްތާލުމަށް މިދިޔަ ނޮވެމްބަރު މަހު އަދީބު ވަނީ އައިޖީއެމްއެޗްގައި ސާޖަރީއެއް ހަދައިފަ އެވެ. އޭގެ ފަހުން އޭނާ ޖަލަށް ގެންދިއުމުގެ ބަދަލުގައި ވަނީ ގޭގައި ބަހައްޓައިފައެވެ. އަނބުރާ ޖަލަށް ގެންދިޔައީ ޖެނުއަރީ، 2 ގަ އެވެ.

ގޭގައި ހުންނެވި ދުވަސްވަރު އަދީބު ވަނީ މޯލްޑިވިއަން ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. އަދި އެ ޕާޓީގެ ރައީސްގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.