ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައި މުސާރަތައް އަލުން ދޭން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަސްޕެންޑް ކޮށްފައިވާ ގިނަ އަދަދެއްގެ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައި އަދި މުސާރަ ހިފެހެއްޓި ކައުންސިލަރުންގެ މުސާރަ އިޔާދަ ކުރުމަށް ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ނިންމައިފި އެވެ.


ކައުންސިލްތަކުގެ މި ދައުރުގައި 79 ކައުންސިލަރަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ގިނަ ދުވަސްތަކަކަށް ސަސްޕެންޑް ވެސް ކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެއް ކައުންސިލަރެއްގެ ސަސްޕެންޝަން އޭރު ބާތިލް ކުރިއިރު އިތުރު ކައުންސިލަރުންގެ ސަސްޕެންޝަން ވަނީ ތަންފީޒުކޮށްފަ އެވެ.

ޔާމީންގެ ސަރުކާރުގެ މުއްދަތުގައި ގިނައިން ފިޔަވަޅު އަޅާފައި ވަނީ އެ ސަރުކާރާ މެދު ސިޔާސީ ގޮތުން ހިޔާލު ތަފާތު ކައުންސިލަރުންނާ ދޭތެރޭގަ އެވެ.

އެލްޖީއޭގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ރިޔާސަތު ބެލެހެއްޓެވި އެ އޮތޯރިޓީގެ ބޯޑުން ނިންމާފައި ވަނީ އެ ކައުންސިލަރުންނާ މެދު އަޅާފައިވާ ފިޔަވަޅުތައް ބާތިލް ކުރުމަށެވެ.

އެގޮތުން 77 ކައުންސިލަރެއްގެ ސަސްޕެންޝަން ބާތިލްކޮށް، އެއް ކައުންސިލަރެއްގެ ސަސްޕެންޝަންގެ މުއްދަތު ތިން މަހުން އެއް މަހަށް ލުއިކޮށްދޭން ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން، ސަސްޕެންޑް ކޮށްފައި ވާ މުއްދަތުގައި އެ ކައުންސިލަރުންނަށް ދޭން ޖެހޭ މުސާރަ އާއި އިނާއަތް އަލުން ދިނުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ކައުންސިލަރުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.