ށ. ފީވަކު، ބްލޫހެވަން އަލި މަނިކަކީ ވަރަށް ކުރީއްސުރެ، މާވަހަރެއް ހޮވުމުގެ އުންމީދު ކުރަމުން އައި މީހެކެވެ. އެކަމަކު، ކުޑަ ޑިންގީއެއްގައި އިއްޔެ އޭނާ މަހަށް ނުކުތީ 82 ކިލޯގެ މާވަހަރެއް ފެންނާނެ ކަމުގެ އެއްވެސް ހިޔާލެއް ނުވަތަ ކުޑަވެސް އުންމީދެއް އޮވެގެނެއް ނޫނެވެ. އެކަމަކު، ޑިންގީގައި ނުކުމެ، މާ ދުރަށް ނުދެވި، އުޅެނިކޮށް އޭނާގެ ނަސީބު އަތުގައި ހިފީ ބޮޑު ހުދަންބަރެއް ފެނުމާ އެކު އެވެ. ދެފެން ދޭތެރެއިން ފެނުނީ މާވަހަރެއްކަން މިހާތަނަށް ޔަގީން ނުވިޔަސް، އޭނާ އަށް ލިބުނު އުފާ ވަކިން ބޮޑެވެ.
"މިހާރު" އާ ވާހަކަ ދައްކަމުން އަލި މަނިކު ބުނީ މަސް ބާނަން ޑީންގީއެއްގައި ނުކުތީ ހެނދުނު 6:15 ހާއިރު ކަމަށެވެ. އަދި މާވަހަރު ފެނުނީ ފަޅު ރަށެއް ކަމަށްވާ ށ. ނަލަންދޫ އާއި ފީވަކާ ދޭތެރޭ ކަނޑުއޮޅިން ކަމަށެވެ. މާވަހަރު ގަތުމަށް ގިނަ ބަޔަކު ޝައުގުވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ހުދަންބަރުގެ އެއް ބައި އޮތީ ހިއްލިފައި. ބޮޑު ބައި އޮތީ އަޑީގައި. ނަގަން އުޅުނީމަ ބަރު ކަމުން ނުނެގުނީ. އެހެންވެ، ވާގަނޑެއް އައްސައިގެން، ކަފު ޖަހައިގެން މަޑު މަޑުން ދުއްވަމުން ރަށަށް ގެނައީ،" ހުދަންބަރު ފެނުނު އިރު އޮތް ގޮތުގެ ތަފްސީލް ދެމުން އަލި މަނިކު ބުންޏެވެ.
އަލި މަނިކު ބުނި ގޮތުގައި އެ ރަށުގައި ތިބި އުމުރުން ދުވަސްވީ ބައެއް މީހުންނަށް މާވަހަރު ދައްކާލުމުން، އެއީ މާވަހަރެއް ކަމަށް ބުނެ އެވެ. އެކަމަކު، އެއީ މާވަހަރެއް ނޫން ކަމަށް ބައެއް މީހުން ބުނާތީ ޓެސްޓް ކުރުމަށް މާވަހަރުން ބައެއް ހޯމަ ދުވަހު މާލެ ގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މާދަމާ ހަވީރު ފުރާ ދޯންނަކުން މާވަހަރުގެ ބައެއް ގެންދަން މިއުޅެނީ މާލެއަށް ޓެސްޓް ކުރަން. ހޯމަ ދުވަހުގެ ވަގުތެއްގައި އޭތި މާލެ ގެނެވޭނީ. ޓެސްޓް ކުރަން ވެސް އެހާ ގިނަ ދުވަސް ނަގާނެ،" މާވަހަރުގެ ފޮޓޯ ފޮނުވުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަން ފާހަގަކޮށް އަލި މަނިކު ބުންޏެވެ.
އަލި މަނިކު ބުނީ އިއްޔެ މަހަށް ނުކުމެ އުޅުނީ މާވަހަރެއް ފެންނާނެ ކަމުގެ އުންމީދުގައި ނޫން ކަމަށެވެ. އެކަމަކު، މާވަހަރެއް ލިބި، އޭގެން މަންފާ ކުރާނެ ކަމުގެ އުންމީދު އަބަދުވެސް އޮންނަ ކަމަށް އޭނާ ބުންޏެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ށ. ފީވަކު އެހެން ބަޔަކު ވެސް 300 ކިލޯގެ ބޮޑު މާވަހަރެއް ހޮވި އެވެ. އެކަމަކު ނުވިކިގެން ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުން، މާވަހަރު ކުޑަވަމުން ގޮސް އެންމެ ފަހުން ވިކުނީ އެންމެ 96،000 ރުފިޔާ އަށެވެ.
އަލި މަނިކު ބުނީ މީގެ ކުރިން ފީވަކުން ހޮވި މާވަހަރާއި އޭނާ ހޮވި މާވަހަރާ ތަފާތުތަކެއް ހުރި ކަމަށެވެ. ށ. ފީވަކު އަލީ ޒަހިރާއި އޭނާގެ ދޯނީގެ ފަޅުވެރިން އެ ބިޔަ މާވަހަރު ހޮވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
އަލި މަނިކު ހޮވި އެއްޗަކީ މާވަހަރަކަށް ވެއްޖެ ނަމަ، ފަންސާހަކަށް މިލިއަން ރުފިޔާ އަށް ވިއްކާލެވޭނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު މާވަހަރު ހޮވަ އެވެ. ބައެއް މީހުން މާވަހަރު ވިއްކައިގެން މިލިޔަނުން ފައިސާ ހޯދާފައި ވާއިރު އަނެއް ބައެއް މީހުން މާވަހަރު ކަމަށް ހީކޮށް ވިއްކަން އުޅުނު ބައެއް އެއްޗެހި މާވަހަރަށް ނުވެ އުކާލަން ވެސް ޖެހިފައިވެ އެވެ.