އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި 82 ކިލޯގެ އެއްޗަކީ މާވަހަރެއް ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް އެ މީހާ މިއަދު ބުނެފި އެވެ.

ޑިންގީއެއްގައި މަހަށް ގޮސް އުޅެނިކޮށް، މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފީވަކު ބްލޫހެވަން އަހުމަދު މަނިކަށް ފެނުނީ ބައެއް މީހުން ބުނާ ގޮތުގައި ބޮޑު ހުދަންބަރެކެވެ. އޭގެ އެތިކޮޅެއް ޓެސްޓް ކުރުމަށް ދުބާއީ އަށް ފޮނުވި އިރު، މަނިކު ވަނީ ބައެއް އެހެން މީހުންނަށް ވެސް އެތިކޮޅުތަކެއް ދީފަ އެވެ.

މަނިކު "މިހާރު" އަށް ބުނީ މާވަހަރުގެ އެތިކޮޅެއް ޓެސްޓް ކުރަން ދުބާއީ އަށް ފޮނުވި ނަމަވެސް، މިހާތަނަށް އައިއިރު ޓެސްޓްގެ ނަތީޖާ ލިބިފައި ނުވާ ކަމަށެވެ. މަނިކު ބުނި ގޮތުގައި މާވަހަރުގެ އެތިކޮޅެއް ޓެސްޓް ކުރަން ދުބާއީ ފޮނުވީ އޭނާގެ ރައްޓެއްސެއް މެދުވެރިކޮށެވެ. އެ މާވަހަރު މިހާރުގެ އަގުގައި ވިއްކާ ލެވިއްޖެ ނަމަ 50 މިލިއަަން ރުފިޔާ ލިބިދާނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑު މިހާރު މާ ބޮޑަކަށް ނޫޅެން އެކަމަކާ. އެއީ މާވަހަރަކަށް ވާނެ ކަމުގެ އުންމީދު ވެސް ކުޑަވެފައިވާތީ އަދި ނަތީޖާ ނުލިބި ލަސްވުމުގެ ސަބަބުން،" މަނިކު ބުންޏެވެ.

މަނިކު ބުނި ގޮތުގައި މާވަހަރު އަދިވެސް އޮތީ ގޭގެ ކޮޓަރީ ތެރޭގައި ރައްކާތެރިކަމާ އެކުގަ އެވެ. މަނިކު ހޮވި މާވަހަރު ބާއްވާފައި އޮތީ 200 ލީޓަރުގެ ފީފާ ބުރިއަކަށްލައިފަ އެވެ.

މަނިކު ކުރިން ބުނީ ފީވަކާއި ށ. ނަލަންދު އާ ދެމެދު ކަނޑުއޮޅިން ފެންމަތީގައި އޮއްވައި ފެނުނު އެތި ޓެސްޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ވެސް އެއީ ހުދަންބަރެއް ކަމަށް ބުނި ކަމަށެވެ. އެކަމަކު، ނަތީޖާ ނުލިބި ލަސްވާ ސަބަބެއް މިހާތަނަށް އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން، 2014 ގައި ފީވަކު އެހެން ބަޔަކު 300 ކިލޯގެ ބޮޑު މާވަހަރެއް ހޮވި އެވެ. އެކަމަކު ނުވިކިގެން ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުން، އެ ކުޑަވަމުން ގޮސް އެންމެ ފަހުން ވިކުނީ އެންމެ 96،000 ރުފިޔާ އަށެވެ.