އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި މާވަހަރެއް ހޮވައިފި ނަމަ އެ ވިކެންދެން ރައްކާކޮށްފައިވާ ބާއްވާ ގޮތަކާ މެދު ގިނަ ސުވާލު އުފެދެ އެވެ.

ރަށު އެންމެންނަށް ވަދެވޭ ކަހަލަ ތަނެއްގައި ބާއްވައިފި ނަމަ، އެއިން ބައެއް ގެންގޮސްފާނެ ހެއްޔެވެ؟ ނުވަތަ އެހެން ރަށަކުން ބަޔަކު ގޮސް އެ ވަގަށް ގެންގޮސްފާނެ ހެއްޔެވެ؟ މިފަދަ ސުވާލުތައް އުފެދެނީ މީގެ ވިހި ތިރީސް އަހަރާ އަޅާބަލާ އިރު ވައްކަންކުރުން އާންމުވެފައި ވައްކަން ކުރާ ގޮތް ވެސް ތަފާތުކަމުންނެވެ.

މާވަހަރު ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި ނަމަ ރަށު އެންމެން ކަހަލަ ގޮތަކަށް އެ ބަލަން ދެ އެވެ. އަދި ހޮވާ މީހުން ދުވާލު ވަގުތުގައި އެންމެންނަށް ފެންނަ ގޮތަށް ބާއްވަ އެވެ. އެކަމަކު އޭގެ ރައްކާތެރިކަން ކަށަވަރުކުރެ އެވެ.

މިދިޔަ ހުކުރު ދުވަހު އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވީ، އޭނާ އާއި އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، 82 ކިލޯގެ ހުދަންބަރެކެވެ. މިއީ މާވަހަރުގެ އެންމެ އަގުބޮޑު ވައްތަރެވެ. އެ މާވަހަރު މިހާރުގެ އަގުގައި ވިއްކާ ލެވިއްޖެ ނަމަ 52 މިލިއަަން ރުފިޔާ ލިބިދާނެ ކަމަށް ބެލެވެ އެވެ.

އެހާ އަގުބޮޑު އެއްޗެއް ރައްކާތެރިކަމާ އެކު ބާއްވަން ކިހާ ބޮޑު ސަމާލުކަމެއް ދޭ ހެއްޔެވެ؟ މާވަހަރު ހޮވި އަހުމަދު މަނިކު ބުނީ އެ ބާއްވާފައި އޮތީ 200 ލީތަރުގެ ފީފާ ބުރިއަކަށް ލައި ގޭގެ ކޮޓަރިއެއް ތެރޭގައި ކަމަށެވެ.

"ކޮޓަރި ހުންނާނީ ތަޅުލާފައި. މާވަހަރު ބަލަން ރަށުގެ ގިނަ ބަޔަކު ޝައުގުވެރިވޭ،" އަހުމަދު މަނިކު ބުންޏެވެ.

"އަޅުގަނޑަށް ނޫނީ އެ ކޮޓަރި ނުހުޅުވޭނެ."

އޭނާ ބުނި ގޮތުގައި ކޮޓަރި ތަޅުލާފައި ބެހެއްޓުން ފިޔަވައި ރައްކާތެރިކަމުގެ އެހެން ކަމެއް ކޮށްފައެއް ނުހުންނާނެ އެވެ.

އަހުމަދު ބުނީ ފީވަކަކީ ވަގުންގެ އުނދަގޫ ބޮޑު ރަށެއް ނޫން ކަމަށެވެ. އެހެންކަމުން މާވަހަރު ގެއްލިދާނެ ކަމުގެ އެއްވެސް ބިރެއް އޭނާގެ ނެތެވެ.

ޓެސްޓް ކުރުމަށް މާލެ ފޮނުވި މާވަހަރުގެ އެތިކޮޅުތަކެއް
ޓެސްޓް ކުރުމަށް މާލެ ފޮނުވި މާވަހަރުގެ އެތިކޮޅުތަކެއް

"ވައްކަން ކުރާ މީހުން އަނެއްހެން ރަށުގައި ނޫޅޭނެ. ކިތަންމެ އަގުބޮޑު އެއްޗެއް ބެހެއްޓިޔަސް ނުގެންދާނެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވެސް ރަށުގައި ނޫޅޭނެ،" އަހުމަދު މަނިކު ބުންޏެވެ.

އޭނާއަށް މާވަހަރު ފެނުނީ ފީވަކާއި ށ. ނަލަންދުއާ ދެމެދުންނެވެ. އޭރު އޭނާ އުޅުނީ ޑިންގީއެއްގައި އެކަނިމާއެކަނި މަހަށް ނުކުމެ އެވެ.

އާންމުކޮށް މާވަހަރު ބާއްވަނީ މޫދު ލޮނު އަޅާފައި އޭގަ އެވެ. އެހެން ނުހަދައިފި ނަމަ މާ ގިނަ ދުވަސްތަކެއް ނުވެ މާވަހަރު ކުޑަވެ، ލުއިވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު އަހުމަދު މަނިކު ބުނި ގޮތުގައި އޭނާގެ މާވަހަރު ބާއްވާފައި އޮތީ މޫދު ލޮނުގެ ތެރެއަކު ނޫނެވެ.

"އަޅުގަނޑަށް މައްސަލައެއް ނެތް އޭތި ކުޑަވިޔަސް، މާވަހަރަކަށް ވިއްޔާ ވީހާވެސް އަވަހަކަށް ވިއްކާލަން ބޭނުން ވަނީ،" އަހުމަދު މަނިކު ބުންޏެވެ.

ޓެސްޓްކޮށް އެއީ މާވަހަރެއްކަން ޔަގީންކުރަން ހައެއްކަ ޖޫސް ޕެޓީއަށް އޭގެ އެތިކޮޅުތައް ލާފައި މިހާރު ވަނީ މާލެ އަށާއި ދުބާއީއަށް ވެސް ފޮނުވައިފަ އެވެ.

"ބައެއް މީހުންނަށް މާވަހަރުގެ އެތިކޮޅެއް ދީފައި ވާނީ ޓެސްޓް ކުރަން. ދެން އަޅުގަނޑު އަމިއްލަ އަށް މާވަހަރު ޓެސްޓް ކުރަން ބޭނުންވާތީ ރައްޓެއްސެއްގެ އަތަށް ދީގެން މާވަހަރުން އެތިކޮޅެއް ދުބާއީ އަށް ވާނީ ފޮނުވާފައި ޓެސްޓް ކުރަން. ދުބާއީ އަށް ދިޔަ މީހަކީ އާންމުކޮށް ވިޔަފާރި ދަތުރުތަކުގައި އެ ގައުމަށް ގޮސް އުޅޭ ވިޔަފާރިވެރިއެއް،" އަހުމަދު މަނިކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ޓެސްޓުތަކުން އެއީ މާވަހަރެއްކަން ޔަގީން ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.

މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން، 2014 ގައި ފީވަކު އެހެން ބަޔަކު 300 ކިލޯގެ ބޮޑު މާވަހަރެއް ހޮވި އެވެ. އެކަމަކު ނުވިކިގެން ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުން، އެ ކުޑަވަމުން ގޮސް އެންމެ ފަހުން ވިކުނީ އެންމެ 96،000 ރުފިޔާ އަށެވެ.