އަފްރާޝީމްގެ މަރާ ގުޅިގެން ހޯދަން އިއުލާނުކުރި ދެ މީހުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ: ސުއޫދު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން ވީޑިއޯ އާންމުކޮށް، ހޯދަން އިއުލާނުކުރި ދެ މީހުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް މިހާރު ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ އެ ދެ މީހުންނާ ގުޅޭ މައުލޫމާތު ވަރަށް ގިނަ މީހުން ހިއްސާކޮށްފައިވާ ކަމަށެވެ. ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ކޮމިޝަނުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އާއްމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ، މަގެއްގެ އެއް ފަރާތުގައި ސައިކަލެއްގައި މީހަކު މަޑުކޮށްލައިގެން އިންދަ އެވެ. އިރުކޮޅެއް ފަހުން އެހެން ސައިކަލެއްގައި މީހަކު އައިސް ފަހަތުގައި މަޑުކޮށްލުމާ އެކު، ކުރިން އިން މީހާ ސައިކަލުގައި ދަނީ އެވެ.

އެ ވީޑިއޯގައި ފެންނަނީ އަފްރާޝީމް ދިރިއުޅުއްވި ހ. ފުންވިލް ކައިރީގައި ހުންނަ، ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގެވެ. ނަމަވެސް ވީޑިއޯ ނުސާފުވުމުން އެ މީހުންގެ މޫނެއް އަދި ސައިކަލުގެ ނަމްބަރެއް ސާފެއް ނޫނެވެ.

އަފްރާޝީމް، އޮކްޓޯބަރު 2، 2012 ވަނަ ދުވަހު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.

މަރުގެ މައްސަލަ ބަލާ ކޮމިޝަނުން އަންނަނީ ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އިތުރުން ބޭރުގެ ފަރާތްތަކުގެ އެހީގައި 24 މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކުރިން ބުނެފައި ވެ އެވެ.