އަފްރާޝީމްގެ މަރުގެ ރިޕޯޓް އާއްމުވި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އާއްމުވި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.


ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލަން ރައީސް އިބްްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން، އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެކުލަވައިލި ރިޕޯޓް ރައީސަށް ފޮނުވުމުން އެ ރިޕޯޓް އެމަނކުފާނު މިދިޔަ ބުރާސްފަތި ދުވަހު ހިއްސާ ކުރެއްވީ ކަމާ ގުޅޭ ފަސް އިދާރާއަކާ އެވެ. އެއީ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ފުލުހުންގެ އިދާރާ އާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހެވެ.

މި "ސިއްރު" ރިޕޯޓު އާންމުވި މައްސަލައިގެ ތުހުމަތަށް ސޯޝަލްް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ރޭ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކުރި އެވެ.

އޭނާ މިއަދު ބުނީ ކޮމިޝަނަށް ހާޒިިިރުކުރީ ރާއްޖޭގެ ބައެއް ނޫސްވެރިންނާ ރިޕޯޓު ހިއްސާކުރި ކަމުގެ ތުހުމަތަށް ކަަމަށެވެ. ޓްވިޓާގައި ޝުމްބާ ބުނީ އޭނާ އަށް އެ ރިޕޯޓް ނުވެސް ލިބޭ ކަމަށާއި އެހެންވެ ތުހުމަތަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

ޝުމްބާ ބުނިގޮތުގައި، ރިޕޯޓް މީޑިއާއާ ހިއްސާ ކުރިތޯ ސުވާލު ކުރުމަށް ފަހު ކޮމިޝަނުން އޭނާ ފޮނުވައިލި އެވެ. އެކަމާ ގުޅޭ އިތުރު ސުވާލެއް ނުކުރާ ކަމަށް އޭނާ ބުނެ އެވެ.

އަހުމަދު އަޝްރަފް (ޝުމްބާ).

އަފްރާޝީމްގެ މަރާ ބެހޭ ގޮތުން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ ޚުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާ ރިޕޯޓު ހިއްސާ ކުރައްވާފައި ވަނީ ރައީސް އޮފީހުންނެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިޕޯޓްގައިވާ މައުލޫމާތުތައް ތަފްސީލްކޮށް ދިނުމަށް ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރިޕޯޓު އާއްމުކުރަން އުޅޭ އިރު ރާއްޖޭގައި ނުހުންނެވުމުން ހިތާމަކުރައްވާ ކަަމަށާއި އެނބުރި ވަޑައިގެންނެވުމުން ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ސުއޫދުގެ ޓްވީޓް

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ.

ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައި ވެ އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މަޒީދު އާއި ސާމިތަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ޝާން އަކީ މި ސަރުކާރުގެ ސިޔާސީ ގިނަ ބައެއްގެ އެކުވެރިއެކެވެ. އަދި އޭނާ އަކީ ސަރުކާރުގެ ކުންފުނި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ސީނިއާ އެގްޒެކެޓިވް މެނޭޖަރެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝާން އަމަލީ ގޮތުން ބައިވެރިވި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި އޮތަސް ޝާން އަދިވެސް ހުރީ އެ ކުންފުނީގެ މަގާމުގަ އެވެ.