އަފްރާޝީމްގެ މަރު: ހަތަރު މިލިއަން ރުފިޔާގެ ވާހަކަ ޖާ ދެއްކި އޯޑިއޯ ވީ ތަނެއް ނޭނގޭ!

ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމުގެ ބަދަލެއްގެ ގޮތުގައި ދޭ ހަތަރު މިލިއަން ރުފިޔާގެ ވާހަކަ މ. ޖަރީމާގޭ އަބްދުﷲ ޖާވިދު (ޖާ) ދައްކާ އޯޑިއޯ ފުލުހުންނަށް ލިބުނު ނަމަވެސް ފަހުން އެ އޯޑިއޯ ވީނުވީ ތަނެއް ނޭނގުނު ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް ފުލުހުން ކުރިން ބުނެފައި ވަނީ، އެ ގަތުލު ހިންގާފައި ވަނީ ސިޔާސީ މަންފާ އަކަށް ކަމަށެވެ. ދުރާލައި ތައްޔާރުވެ، އަފްރާޝީމް އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި ތުހުމަތަށް، ޑިސެމްބަރު، 2، 2012 ގައި، ޖާ ހައްޔަރު ކުރި އެވެ. އެކަމަކު ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ޖާ ހައްޔަރުކުރުމުގެ އަމުރު ހޯދަން ކޯޓަށް ހުށަހެޅީ، "މައްސަލައިގައި ހެކިދޭ ފަރާތްތަކުން ބުނާ ބުނުމާއި ކޯލް ޑީޓެއިލްސް" އެވެ.

މި ފޯނު ކޯލްތަކުގެ މައުލޫމާތު ސާފުކުރަން ރިޔާސީ ކޮމިޝަނުން ވަނީ އޭރު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ސުޕްރިންޓެންޑެންޓް އޮފް އިސްމާއިލް ޝަމީމް އާދަމްއާ ސުވާލުކޮށްފަ އެވެ.

ކޮމިޝަނުގެ ތަހުގީގަށް އޭނާ ބުނެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅިގެން ފޯން އިންޓަސެޕްޓް ކުރަމުން ދިޔައިރު، ހަތަރު މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅޭ ވާހަކައެއް ޖާ ދައްކާ އޯޑިއޯއެއް، އިންޓެލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ގެނެސްދިން ކަމަށެވެ. އޭނާ އެ އޯޑިއޯ އަޑު އެހި ކަމަށް ވެސް ކޮމިޝަނުގެ ތަހުގީގުގައި ޝަމީމް ބުންޏެވެ.

ޝަމީމް ބުނެފައިވާ ގޮތުގައި، އެ އޯޑިއޯގައި އެއްކޮޅުން ވާހަކަ ދެއްކީ ޖާ އެވެ. އަނެއްކޮޅުން ވާހަކަ ދެއްކީ ކޮންމެވެސް ވިޔަފާރިވެރިއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޝަމީމްއާ ހަވާލާދީ ތަހުގީގު ރިޕޯޓުގައިވެ އެވެ.

އެ އޯޑިއޯގައި ބުނަނީ 3 މިލިއަން ނޫނީ 4 މިލިއަންގެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށާއި މަސައްކަތް ފަށަންވީ ކަމަށް.

އޯޑިއޯ އަޑު އަހާފައި ޝަމީމް ހަވާލުކުރީ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ މުވައްޒަފަކާ އެވެ. އެ ކޯލްގައި ޖާ އާ ވާހަކަ ދެއްކީ ކާކުކަން ފުލުހުންނަށް ހޯދުނު ކަމެއް ނޭނގޭ ކަމަށް ޝަމީމް ތަހުގީގަށް ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމް އަލީ: އަނިޔާވެރިކޮށް އޭނާ އަވަހާރަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ވަނީ ތަހުގީގީ ރިޕޯޓެއް ނެރެފައި.--ފޮޓޯ/މަޖިލީސް

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޓެލިޖެންސް ޑިޕާޓްމެންޓުން ޝަމީމް ވަކިވި އިރު، އޯޑިއޯ ކްލިފް ހޯދަން ދެތިން މުވައްޒަފަކާ ހަވާލުކުރި ނަމަވެސް އޭނާ އަށް އެ އެއް ނުލިބެ އެވެ.

މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތަހުގީގަށް ޝަމީމް ދިން ބަޔާނާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ފުލުހުންނަށް ސިޓީ ފޮނުވާފައިވީ ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ކޮމިޝަންގެ ރިޕޯޓުގައި، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުސައިން ހުމާމާ، ޖާ ދައްކާފައިވާ ވާހަކަތަކެއް ވެސް ހިމަނާފައިވެ އެވެ. ހުމާމް ޖާ އަށް ގުޅައި އެދުނީ ލާރިކޮޅެއް ދޭން ކަމާށާއި އެކަމަކު އެ ފައިސާ ހަމަޖައްސައި ނުދޭ ކަމަށް ޖާ ތަހުގީގަށް ބުނެފައިވެ އެވެ.

މަރު ކޮމިޝަނާ ފުލުހުން ހިއްސާކޮށްފައިވާ ހުމާމްގެ ތަހުގީގު ބަޔާނުގައި އޮންނަނީ ޖަލަޕީނޯ ތެރެއިން ޖާ އާއި ޖަނާގެ ބޭބެ އާއި ސްޕައި އަދި އަޒްލިފް ރައުފްއާ ބައްދަލުވި ކަމަށެވެ. އަފްރާޝީމް މަރާލަން ހަރަދުކުރާނީ ޖާ ކަމަށް ހުމާމްގެ ގާތުގައި އަޒްލިފް ބުނި ކަމަށް ރިޕޯޓުގައިވެ އެވެ.

"...އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެއް ކަމަށާއި ރީކޯ މޫސާ މަނިކުގެ ފަރާތުން ފައިސާ ލިބޭނެ ކަމަށް ޖާ ބުނި ކަމަށާއި އަދި އެކަަމަށް ބާރު ދިނުމުގެ ގޮތުން އެ ލާރި ހުސެއިން ހުމާމަށް ލިބޭނެ ކަމަށް ޖަނާގެ ބޭބެ ބުނެފައިވާ ކަމަށް އެ ބަޔާނުގައި ހުސެއިން ހުމާމް ބުނެފައިވެ އެވެ،" ފުލުހުންގެ ތަހުގީގާ ހަވާލާދީ މަރު ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރި ދުވަސްވަރު ވެސް ރީކޯ މޫސަ އަށް ތުހުމަތުކޮށް، އޭނާގެ ނަން އައުމުން ވަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައި ކަމަށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އޭރުގެ ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަމަށް ބާރު ލިބޭ ހެއްކެއް ނެތެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް އެވެ. އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކަން ތަހުގީގުގުން ވަނީ ހޯދިފަ އެވެ. އެ ނެޓްވޯކް ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާއި މީހުންނަށް ކުރިމަތިކޮށްފައިވާ އަނިޔާތަކާއި ޖަރީމާތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާން އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަދި އޭނާ އަކީ މިހާރުގެ ސިޔާސީ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ.

ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފަ އެވެ. އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާ އަށް އެހީވާ މީހުންނާއި ކުދިންނެވެ.