އިންސާނުންގެ އިސްތައްޓަށް ވުރެ އެތައް ގުނައެއް ހިމަ ކަރަންޓްނަރަކީ މައިކްރޮބަޔޮލޮޖިސްޓުން ސައިންސަށް ކޮށްދިން ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވަނީ ވެފައި. ބޭސްވެރިކަމަށް ކުރިއެރުން އަންނާނެ ކަމަށް ވެސް ބުނެވޭ
25 އޯގަސްޓް 2016 - 06:33
އިންސާނުންގެ އިސްތައްޓަކަށް ވުރެ އެތައް ހާސް ގުނަ ހިމަ ކަރަންޓް ނަރެއް އުފައްދާނެ ނިޒާމެއް މައިކްރޮބަޔޮލޮޖިސްޓުން ހޯދައިފި އެވެ. މިއީ ސައިންސަށް އިންގިލާބެއް ކަމަށް ބުނެވެ އެވެ. މި ހޯދުމާ ގުޅިގެން އިލެކްޓްރޯނިކް އާލާތްތައް އަލުން ޑިޒައިންކޮށް ބައްޓަންކުރަން ޖެހޭނެ ކަމަށް ވާހަކަ އެބަ ދެކެވެ އެވެ. ހަމަ ލޮލަށް ނުފެން ކުދި އާލާތްތަކެއް އުފެއްދުން ސައިންސަށް އަދި އޮތީ ގިރާކުރަން އޮތް ހުރަހެއް ގޮތުގަ އެވެ. ބޭސްވެރިކަމަށާއި ޖައްވީ ދިރާސާތަކަށް އަދި މިލިޓަރީގައި ބޭނުންތަކަށް ވެސް އެ ފަދަ އާލާތްތަކުގެ ބޭނުން ނުހަނު ބޮޑެވެ.
ބޭސްވެރިކަމުގައި ބޭނުންކުރުމަށްޓަކައި ހަމަލޮލަށް ނުފެންނަ ކުދި ކެމެރާ އާއި ސެންސަރުތައް މިހާރު ވެސް ވަނީ އުފައްދާފަ އެވެ. ލެބޯޓަރީ ފެންވަރުގައި އަދި ހުރި ނަމަވެސް ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރެވޭ ފަށަށް އެ ތަކެތި އަންނާނެ އެވެ. ސައިންސްވެރިން އެ ޔަގީންކަން މިހާރު ވެސް ވަނީ ދީފަ އެވެ. ކުދި ބޮޑު ތަފާތެއް ނެތި އިލެކްޓްރޯނިކް މެޝިންތަކުގައި ކަރަންޓް ނަރު ބޭނުންކުރަން ޖެހެ އެވެ.
އާލާތްތަކުގެ ސައިޒު ކަނޑައެޅުމުގައި ނަރުގެ ފަލަމިނަކީ މުހިންމު މިންގަނޑެކެވެ. މައިކްރޮބަޔޮލޮޖިސްޓުންގެ އާ ހޯދުން ހަމަ ލޮލަށް ނުފެނުނު ނަމަވެސް، އުފާވެރި ޚަބަރަކީ އިންސާނުންގެ ހިތާއި ކިޑްނީ ފަދަ ނާޒުކު ގުނަވަންތައް ވައިރުކުރުމަށް ވެސް އެ ނަރު އެކަށީގެންވުމެވެ.
ހިތާއި ކިޑްނީ ފަދަ ގުނަވަންތަކުން ކުރާ މަސައްކަތްތައް ދެމެހެއްޓުމަށްޓަކައި މިހާރު ބޭނުންކުރެވޭ އާލާތްތަކުގެ ބަދަލުގައި ބޭނުންހިފޭ އާލާތްތައް ކޮންމެ ވެސް ދުވަހަކުން އިންސާނުންގެ ހަށިގަނޑާ އެކުލަވާލެވޭނެ ކަމަށް ވިސްނެ އެވެ. މާނަ އަކީ ޑަޔަލަސިސް ހެދުމަށް ވެސް ހަށިގަނޑުން ބޭރު މެޝިނަކަށް ބޭނުން ނުޖެހުމެވެ. ހިތުގެ ހިންގުން އެއްވަރުކުރުމަށް ބޭނުންކުރެވޭ ޕޭސްމޭކާ އަކީ ވެސް ހިތުގެ މަސްތަކާ އެކުވެ ހިނގާ އާލާތަކަށް ވުމެވެ. ހަށިގަނޑު ތެރޭގައި ލޭނާރުތަކުގެ ތެރެއިން ދަތުރުކުރާ އިލެކްޓްރޯނިކް ސެލްތަކާއި ކެމެރާތަކުން އިންސާނުންގެ ސިއްހަތު ވަގުތުން ވަގުތަށް ބެލެހެއްޓެވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
25 August 2016
ކަންކަން ހޯދާމަސައްކަތްކުރާބަޔަކަށް ﷲ އިލްމްދެއްވާނެ ،،، މިއަދުގެ އިސްލާމީ ދުނިޔެ ކަންނެވެ ތޮޔޮފީފާތަކެއްގެ ދަށުވެފައި ތިބުމަކީ ހިތާމަހުރިކަމެށް ،، އެހެންނޫންނަމަ މިއަދުގެ ހުރިހާ އީޖާދެއް ކުރާނީ އިސްލާމީދުނިޔެއިން ،، ކަންޔަގީން ،،
އެނޯނަމަސް
17 September 2016
ވަރަށް ރަނގަޅު ވާހަކައެއް! ހިތާމައަކީ ރާއްޖޭގެ ޒުވާނުންވެސް މަސްތުވާތަކެއްޗާއި ކޮޮފީ އާއި ފިނި ބުރުގެ އަވާގައި ޖެހި އަތުންފައިން މަސައްކަތް ކުރަން ބޭނުން ނުވާކަން! ޚާއްސަކޮށް އައު އީޖާދުތައް ކުރަން ބޭނުން ނުވާކަން!