މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ރިޔާޒު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަން ފެއިލްކޮށްލާނެ ކަމަށް ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރިޔާގެ އިތުބާރު ގެއްލޭފަދަ ކަމެއް ކުރައްވާފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ އެފަދަ މައްސަލައެއް ހުށައެޅިނަމަ ވެސް ފެއިލްކޮށްލާނެކަން، ޖޭޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު ފާހަގަކުރެއްވި އެވެ.

ރިޔާޒު އެހެން ވިދާޅުވީ، އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ މާރިޔާ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހަފުތާއެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވަނިކޮށެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކަމަށެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށެވެ. އެކަމަކު އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ކަންކަން ކުރަނީ ރާއްޖެ ހިފުމުގެ ނިޔަތުގައި ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާގެ މި ވާހަކަތާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އޮތީ ހުށަހަޅައިފަ އެވެ.