ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ޕީޕީއެމް/އެމްޑީއޭ ނުކުމެއްޖެ

ރައްޔިތުންގެ މަޖިލީހަށް އެމީހަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީ މާނަކޮށްދޭން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެމްބަރުން މިއަދު ތެދުވެވަޑައިގެންފި އެވެ.


ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމުން، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލިފައިވާ ކޯލިޝަނުން މިއަދު ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތްކުރީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ރަނގަޅުކަން ދެއްކުމަށެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ޕާޓީތަކުގެ އިގްރާރުގެ މައްޗަށް ބިނާކޮށް ޕާޓީތަކުގެ ލޯގޯ އާއި ޓިކެޓު ބޭނުންކޮށްގެން އިންތިހާބެއް ކާމިޔާބުކޮށް މަޖިލީހަށް ވަންނަވާއިރު، އެ މެމްބަރުންނަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ވެސް އޮންނަން ޖެހޭ ކަމަށެވެ.

"(މެމްބަރުންނަށް ވަކިކުރުމަކީ) މަޖިލީހުން ނުކުރެވޭ ކަމެއް ކަމަށްވާ ނަމަ، ދެން ހުރި ބާރުތަކުން އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރިއަށް ގެންދާނެ،" ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހަށް ރައްޔިތުން ފޮނުވި މެމްބަރުން "ދުވާލު ދެ ފަހަރު ދެ ގޮތަށް" ހިޔާލު ދެކަފިވެގެން ދާން ރައްޔިތުން އުންމީދު ނުކުރާނެ ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި މެމްބަރެއްގެ ސަބަބުން ރައްޔިތުންނަށް އަންނަ ތަރައްގީ އާއި ކުރިމަގަށް ހުރަސް އެޅެން ވެސް ރައްޔިތުން ނޭދޭނެ ކަމަށް ވިދާޅުވި އެވެ.

ޕާޓީން ވަކިވެއްޖެ ނަމަ، ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން އެ މެމްބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ ބައެއް މާއްދާތައް މާނަކޮށްދޭން ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި އިރު މިހާރުގެ ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލިހާ ބެހޭ ބާބުގައި ޕާޓީގެ ވާހަކަ ގެނެސްފައެއް ނުވެ އެވެ. އަދި މެމްބަރުންގެ ގޮނޑި ގެއްލޭ ސަބަބުތަކުގެ ތެރޭގައި ވެސް ޕާޓީގެ ވާހަކައެއް ނެތެވެ.

ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރުމުގެ ބާރު ލިބޭ އިރު މެމްބަރުންގެ ފިކުރު ފަސޭހަ އިން ބަދަލުކުރެވޭ ނަމަ، ގާނޫނުއަސާސީގެ މަފްހޫމާއި ސިޔާސީ ޕާޓީތަކުގެ ދައުރާއި ރައްޔިތުން ކުރާ އުއްމީދު ވިއްސިވިހާލި ވެގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޮނޑި ގެއްލޭ ގޮތަށް މިހާރު ހުށަހަޅާފައި ވަނީ މާ ކުރިން ވެސް ނިންމަން ޖެހޭ މަައްސަލައެކެވެ.

މަސީހުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފުރަތަމަ އެޅިއިރު އެކަމުގެ ދިފާއުގައި އެރުއްވި މެމްބަރުންގެ އަދަދާ ބަލާއިރު މިއަދު 28 މެމްބަރުންނާ އެކު ފެނުނީ ފަޅުކަމެވެ. މިހާރު ޕީޕީއެމް/އެމްޑީއޭގައި ތިއްބެވީ 39 މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތަކީ 43 މެމްބަރުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ޕީޕީއެމް/އެމްޑީއޭ މެމްބަރުން މަސީހާ އެކު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަސީހާ ދެކޮޅަށް ޖުލައި 3 ގައި މައްސަލަ ހުށަހެޅި ފަހުން ރެއާ ހަމައަށް އެއްވެސް ވާހަކައެއް ނުދައްކާ އޮތް އެމްޑީއޭގެ ފަރާތުން ލީޑަރު އަހްމަދު ސިޔާމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް އޭނާ ވެސް ތާއީދުކުރައްވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ދެއްކެވީ "ފަސާދަ އާއި ކޮރަޕްޝަން ހުއްޓުވުމެ"ވެ.

"އަޅުގަނޑުމެން ރައްޔިތުން ހޮވާފައިވާ މަންދޫބުންނަކީ ފަސާދަ އާއި ކޮރަޕްޝަނަށް ދުވެ، އެއިން ހަލާކުވެ، ނަރަކައަށް އެއްލައިލާ ބައެއް ކަމަށްވާ ނަމަ، ރާއްޖޭގެ ހާލަކީ ކޮބައިތޯ؟" ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ. ގައުމުގައި އޮތް ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަން ނައްތާލުމަށް އެމްޑީއޭ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތާއީދު ކުރާނެ."

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރުގެ މަޖިލީހަށް ޕީޕީއެމްގެ މެމްބަރުން އިންތިހާބު ކުރީ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މި ވިއްކައިގެން މަޖިލީހުގެ މެމްބަރު ކަމަށް އައިސްފައި މާދަމާ ނުވަތަ މިއަދު އަމިއްލަ މަންފާއަށްޓަކައި ރައްޔިތުން އިންތިހާބު ކުރި ހައިސިއްޔަތު ބަދަލު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން ދީފައިވާ ގޮނޑި ގެއްލެން ޖެހޭނެ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖޭޕީ އަދި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުން ވެސް ޕީޕީއެމްގައި ހިމެނޭތީ އެކަމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެ މެމްބަރުން ވެސް ބޭނުންވަނީ ރައްޔިތުން ހޮވި ހައިސިއްޔަތު ބަދަލުކުރީމަ ގޮނޑި ގެއްލޭ ގޮތަށް އޮންނަން ކަމަށެވެ. އެ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަތީ އޭރު އެ ފުރުސަތު އޮތީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.