މުބީން ހިތްހަމަޖެހިވަޑައިނުގެން ނިއުސް ކޮންފަރެންސް ދޫކުރައްވައިފި

ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފި އެވެ.


ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުބީން ހިތްހަމަޖެހިވަޑައިނުގަތީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސެއިން ފިޔާޒްގެ ސުވާލު ދިގުވި ނަމަވެސް، ކޯލިޝަންގެ ރިޔާސަތުން ފިޔާޒް ނުހުއްޓުވުމުންނާއި ބައެއް މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ނުލިބުމާ ގުޅިގެންނެވެ. އެހެންވެ، މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމަށާއި ފިޔާޒްގެ ވާހަކަތައް ހުއްޓުވައި ދިނުމަށް އެވަގުތު ނިއުސް ކޮންފަރެންސް ކުރިއަށް ގެންދަވަން ތިއްބެވި، ކޯލިޝަންގެ އިސްވެރިންގެ އަރިހުން މުބީން އެދިވަޑައިގަތެވެ.

ނިއުސް ބްރީފިން ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނެވެ. އޭނާއާ އެކު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް އިންނެވި އެވެ.

ނިއުސް ކޮންފަރެންސް ރޭވީ، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ އިސްބޭފުޅުން ވާހަކަ ދެއްކެވުމަށް ފަހު، ދެން ތިއްބެވި މެމްބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ޕީޖީ ގުރޫޕުގެ އިސްވެރިންނަށް ފުރުސަތު ދިނުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަން ވަގުތު ލިބުނީ މަދު މެމްބަރުންތަކަކަށެވެ.

ޕީޕީއެމް ކޯލިޝަންގެ ތެރޭގައި ސިޔާސީ ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެ ކޯލިޝަންގެ މެމްބަރުން ވަކިވަމުންދާ މި ދަނޑިވަޅުގައި ޕީޕީއެމާއި ސަރުކާރު ދިފާއު ކުރުމުގައި މިހާރު އާންމުކޮށް މީޑިއާ އަށް ނުކުންނަވާ މުބީނަށް ވެސް، މިއަދުގެ ނިއުސް ބްރީފިންގައި ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ.

މުބީން. އޭނާ ހިތްހަމަޖެހިވަޑައިނުގަތީ ނޫސްވެރިއަކު ކުރެއްވި ސުވާލަކާ ގުޅިގެން.

މުބީން ނިއުސް ކޮންފަރެންސް ދޫކުރައްވައި ވަޑައިގަތީ ރާއްޖެ ޓީވީގެ ފިޔާޒްގެ ސުވާލު ހުއްޓުވުމަށް ނިހާން މަސައްކަތް ނުކުރެއްވި ކަމަށް ވިދާޅުވެ އެވެ.

މި މައްސަލާގައި މުބީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިޔާޒްގެ ވާހަކަތައް ކޮންޓްރޯލް ކުރުމަށް ނިހާން އަރިހުން އެދިވަޑައިގަތުމުން އެކަމަށް އިޖާބައެއް ނުދެއްވި އެވެ. އަދި ޕީޕީއެމް/އެމްޑީއޭގެ އިސް ބޭފުޅުން ފިޔަވައި ދެން ތިއްބެވި މެމްބަރުންނަށް ވާހަކަ ދައްކަވަން މަދު ވަގުތުކޮޅެއް ލިބުމާ ގުޅިގެން ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ދެތިން ފަހަރަކު ނިހާނަށް އިޝާރާތް ކުރިން. ނިހާނަށް ކޮންޓްރޯލް ނުވާ ނަމަ އެހެން މީހަކާ ހަވާލު ކުރެވެން އޮތް. ބޮޑެތި ބޭފުޅުންނަށް ގިނައިރު ވާހަކަ ދައްކަން ފުރުސަތު ލިބިފައި ދެން ތިއްބެވި މެމްބަރުންނަށް ލިބުނީ މަދު ވަގުތު ކޮޅެއް،" މުބީން ހިތްހަމަނުޖެހުމާ އެކު ވިދާޅުވި އެވެ.

ފިޔާޒްގެ ސުވާލު މައިގަނޑު ގޮތެއްގައި އަމާޒުކުރީ ސަރުކާރާއި ޕީޕީއެމްގެ އިސްބޭފުޅުންނާ ގުޅުވައިގެން އާންމުކޮށް މީހުން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް ވުރެ ބޮޑަށް، ޕީޕީއެމުން ކަންބޮޑުވަނީ ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގާފާނެތީ ކަމަށް އޭނާގެ ސުވާލުގައި ފާހަގަކުރި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ހުވާކުރައްވައި ވިދާޅުވެފައިވާތީ އެއީ ތެދެއްތޯ ފިޔާޒް ސުވާލު ކުރި އެވެ. ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް "ގޯނި" ހިފައިގެން ނުކުންނަވައި ފައިސާ ބެއްސެވި ކަމަށް އިއުތިރާފްވިއިރު، އެ މައްސަލަ ވެސް ނުބަލާ ކަން ސުވާލުގައި ފާހަގަކުރި އެވެ.

ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންގެ "ފަސްބައިން" ކޮރަޕްޝަން ހުއްޓުވަން ކުރި މަސައްކަތަކީ ކޮބައިތޯ ރާއްޖެ ޓީވީން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް އެ އަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޖަވާބެއް ނުދެއްވި އެވެ.

ފިޔާޒް ސުވާލުތައް ކުރަމުންދިޔައިރު، މުބީންގެ އިތުރުން ބައެއް އެހެން މެމްބަރުން ވަނީ "ވާހަކަ ގިނަ ނުކޮށް" ބޭނުންވާ ސުވާލު ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން މުބީން ވަނީ "މިއީ ދެން ބޮޑުވަރު" ކަމަށް ވިދާޅުވެފަ އެވެ.

ފިޔާޒްގެ ވާހަކަތައް ހުއްޓުވުމަށް ނިހާންގެ އަރިހުން މުބީން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި މަންޒަރު ފެނުނެވެ. ނަމަވެސް ނިހާން އަތުގެ އިޝާރާތުން މުބީނަށް ދެންނެވީ ހަމަޖެހުމަށެވެ. އެހާ ހިސާބުން މުބީން ވަނީ ނިއުސް ކޮންފަރެންސް ދޫކުރައްވައި ވަޑައިގެންފަ އެވެ.

ފިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ނޫސްވެރިން ވެސް ސުވާލު ކުރަން ވާނީ ޒިންމާދާރުކަމާ އެކު ކަމަށެވެ. އަދި ޓީވީތަކުގެ ލައިވް ފީޑް ބޭނުން ކޮށްގެން ނޫސްވެރިން ބޭނުންވާ އެޖެންޑާ ހާސިލް ކުރަން މަސައްކަތް ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.