މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ

އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހަފުތާއެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދުރޭ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް އެ ޕާޓީ އަދި ޕީޕީއެމް ގުޅިގެން ފަށާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކަމަށެވެ. އަދުރޭ ވިދާޅުވީ "ގައުމުގެ މިނިވަންކަން ބޭރުގެ ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި" ނުވަތަ އިންޒާރުދީފައި އެހެން ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމާއި ޕީއެންސީ އިސްނަގައިގެން މިހާރު މި ވައްދަނީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އަޅުގަނޑުމެން މި މައްސަލަ މަޖިލީހަށް ހުށަހަޅާނަން. ހަމަ އެވަރުން ދުލެއް ނުކުރާނަން،" އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނަން ރާއްޖޭގެ ހާރިޖީ ވަޒީރު ކުރައްވަނީ ކީއްތޯ ވެސް، ދައްކަނީ ކޮން ވާހަކަތަކެއްތޯ ވެސް. ބަލާފައި ގެންދާނީ ހަމަ ފަހަރަކު މީހެއް ފަހަތުން އަޅުގަނޑުމެން ދާނަން. އެމީހާ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،"

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށެވެ. އެކަމަކު އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ކަންކަން ކުރަނީ ރާއްޖެ ހިފުމުގެ ނިޔަތުގައި ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާގެ މި ވާހަކަތާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އޮތީ ހުށަހަޅައިފަ އެވެ.