ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ އޮފީހުން ބުނީ އެންއައިސީގެ މެމްބަރުކަމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު މި ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު މަހެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވުމުންނެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައި ވުމާއި ފަސްޓް ޑިގްރީއެއް އޮތުމާއި އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.