ޒުވާނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލެއް ގެންނަން ޑައިލޮގް ސީރީޒްތަކެއް ބާއްވަން ވުމެން އެންޑް ޑިމޮކްރަސީން ނިންމައިފި އެވެ.
އެ ޖަމިއްޔާގެ ރައީސް ސަފާތު އަހުމަދު މިއަދު ވިދާޅުވީ "ޔޫތު ޓްރާންސްފޯމިން ޓުމޯރޯ ސީރީޒް" ގައި 16 އަހަރުން ފެށިގެން 30 އަހަރުގެ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެކަމަށް ހާއްސަ ފޯމު ފުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކަން ސެންޓަރާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބާއްވާ ސީރީޒްގެ ފުރަތަމަ ބައްދަލުވުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެމްއެންޔޫގަ އެވެ. އެކަމަކު އެ ރޭ ވަކި މައުލޫއަކާ ގުޅޭގޮތުން ވާހަކައެއް ނުދައްކާނެ އެވެ.
މައުލޫތަކާ ގުޅޭގޮތުން ވާހަކަދައްކަން ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ރެއާ ހަމައަށް އެމެރިކަން ސެންޓަރުގަ އެވެ. ނަފްސާނީ ބައްޔާއި ސިއްހަތާއި މަސްތުވާތަކެތީގެ ވަބާއާ އަންހެނުންނާއި ޒުވާނުންނާއި ތިމާވެށި ފަދަ ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ޒުވާނުންނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"ޒުވާނުން ވާހަކަދައްކާނީ، އަޅުގަނޑުމެން އެ މައްސަލަތައް އަޑުއަހާނަން. އެއަށްފަހު އެ ބައްދަލުވުމުން ފާހަގަވި ކަންތަކަށްފަހު ތައްޔާރުކުރާ އެކްޝަން ޕޭޕާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޔޫތު މިނިސްޓަރަށް ހުށަހަޅާނަން،" ސަފާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކުން ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެވިދާނެ ކަމަށެވެ. އޭގައި މިހާތަނަށް 100 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާއިރު 50 އަށްވުރެ ގިނަ އިދާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.