ފަރުދީ ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓުތައް މަދެއް ނުވާނެ: މިނިސްޓަރު

ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާނުކުރާ ނަމަ އެކްސިޑެންޓުތައް މަދު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.


ހެލްމެޓް ބެހުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިތާމަވެރި މަންޒަރާއި އަޑުތައް ކަމަށެވެ. އެހެންވެ އެ ކަންތައް މަދުކުރުމަށް ކުރާ މަސައްކަތުގައި ވީހާ ވެސް ބޮޑު އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"އެކްސިޑެންޓުތައް މަދުކުރަން އުޅުނަސް އެކަން މަދެއް ނުކުރެވޭނެ ތިމާގެ ފަރުދީ ޒިންމާ އަދާނުކުރަންޏާ،" ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު ހުޅުވި ބްރިޖާ އެކު މަގުމަތީގެ އެކްސިޑެންޓުތައް ވަނީ ކަންބޮޑުވާ ވަރަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި ގިނަ ބަޔަކަށާއި ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އެހެންވެ އެކަންތައް މަދުކުރުމަށް ސަރުކާރުން ވަނީ ބްރިޖުން ދަތުރުކުރާއިރު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުކޮށްފަ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5000 ހެލްމެޓް ބެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ހެލްމެޓްތައް ދޭން ނިންމާފައިވަނީ ދެ ގަޑިއިރުގެ ތަމްރީނު ފުރިހަމަކުރާ ބަޔަކަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި މާލެ ސަރަހައްދަށް ބަހަން ނިންމާފައިވަނީ 3000 ހެލްމެޓެވެ. އެއީ ބޮޑެތި މީހުންގެ 2500 ހެލްމެޓް އަދި ކުޑަކުދިންގެ 500 ހެލްމެޓެވެ.