ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު

އަންނަ މަހުގެ 10 ން ފެށިގެން ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވާއިރު، ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓް ލިބޭނީ ކުރު ކޯހެއް ފުރިހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.


ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ، 3-4 ގަޑިއިރުގެ ކޯހެއް ފުރިހަމަކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ރާވާފައިވާ ކަމަށެވެ. ހެލްމެޓް ބޭނުންވާ މީހުންގެ ނަން ނޯޓުކޮށް، ކޯސް ފުރިހަމަކުރުމުން އެ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ކޯހުގައި ބައިވެރިވާން ހުޅުވައިލާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ކޯހުގައި އަންނާނީ ހޭލުންތެރިކުރުމާ ބެހޭ ކަންތައްތަކެއް ކަމަށާއި އެކްސިޑެންޓެއް ވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތަކާއި އަނިޔާވި މީހާއާ ދޭތެރޭ ކަންކަން ކުރަންޖެހޭ ގޮތް ވެސް ކިޔައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހެލްމެޓް ބެހުމުގެ ކަންތައްތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެ ކޯހުގައި ބައިވެރިވާ މީހުންނަށް ގިނަ މައުލޫމާތު ލިބިގެންދާނެ. އެ ކޯސް ހެދުމަށް ފަހު، ހެލްމެޓް އެ ބޭފުޅަކަށް ދޫކުރުމުގެ ކަންތައް އޮތީ. މި ބަހާލަނީ ރާއްޖެތެރެއާ މާލެއާ އެއް ގޮތަކަށް ވަކި އުސޫލެއް، އާބާދީގެ ނިސްބަތުން ބަލާފައި އެގޮތަށް ލިބޭ ކަހަލަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމައިފަ އެވެ. އެ ގެނެސްދޭނެ ބަޔަކު ހޯދަން ވެސް ސަރުކާރުން އިއުލާނުކޮށްފައި ވެ އެވެ.

މިހާރު ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން މަޖުބޫރު ކޮށްފައި ވަނީ އައްޑޫ ލިންކް ރޯޑުގައި އެކަންޏެވެ.

މަގުމަތީ އެކްސިޑެންޓުތައް ގިނަވެ ފުރާނަ އަށް ގެއްލުންވާ ހިސާބަށް ދިއުމުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އެ އަށް އަމަލުކުރާނީ އަންނަ މަހުގެ 10 ން ފެށިގެންނެވެ.