ހިޔާ މަޝްރޫއުގެ ފްލެޓް 7،000 އިން 3،588 އަށް މަދުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ސްޓްރަކްޗާއަށް ބަދަލު ގެނައުމުގެ ސަބަބުން 7،000 ފްލެޓްގެ ބަދަލުގައި ހުންނާނީ 3،588 ފްލެޓް ކަމަށް، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.


އެކަމަކު އިތުރު ފްލެޓު އަޅައިގެން އޭގެ ހައްގުވެރިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 7000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖުލައި 20، 2016 ގައި ހަވާލުކުރީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ޑިސެމްބަރު 29، 2017 ގަ އެވެ.

މިހާރު ވަނީ އޭގެ ވަރަށް ބޮޑު ބައެއް ނިންމައިފަ އެވެ. އެކަމަކު ކުރިން އޮތީ މުޅިން ދެ ކޮޓަރީގެ ފްލެޓްތައް ހަދަން ކަމަށް ވިޔަސް، އާ ސަރުކާރުން ނިިންމީ ތިން ކޮޓަަރީގެ ފްލެޓްތައް ވެސް އެތަނުގައި ހަދާށެވެ. އެހެންކަމުން 7،000 ފްލެޓްގެ އަދަދު މަދުވަނީ ކަމަށް، މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ކުރިން ނިންމާފައި އޮތީ 25 ބުރީގެ 16 ޓަވަރުގައި ދެ ކޮޓަރީގެ 6،880 ފްލެޓު އަޅާށެވެ. އެއިން ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އައި ބަދަލާއެކު ފްލެޓްތަކުގެ އަދަދު މަދުވެފައި ވީ ނަމަވެސް، ސޯޝަލް ހައުސިން ޕްރޮގްރާމްގެ ދަށުން ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓު ދިނުމަށް އިތުރު ފްލެޓުތައް އިމާރާތްކޮށް، ހައްގުވެރިންނަށް ފްލެޓު ދޭނެ،" --- އާތިފާ

"ފްލެޓަކަށް ފަސް މީހުންގެ ނިސްބަތުން ބަލާ ނަމަ، މިއީ 34،400 މީހުން،" އާތިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑު އާބާދީއަކަށް އެކަށީގެންވާ މިންވަރަށް އިމާރާތްތަކުގައި ލިފްޓާއި އެހެނިހެން ހިދުމަތްތަކެއް ނެތެވެ. އެހެންކަމުން ސްޓްރަކްޗަ އަށް ބަދަލު ގެންނަން ނިންމީ އެއީ ރާއްޖޭގެ އާއިލާތަކުގެ ނިސްބަތަށް ބަލާއިރު އެންމެ އެކަށީގެންވާ ތަންތަނަށް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓު ބޭނުންވެގެން ފޯމް ހުށަހެޅުމަށް ބަޔަކު ހައުސިން މިނިސްޓްރީ ކައިރީގައި. --- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ 1،104 ފްލެޓާއި ތިން ކޮޓަރީގެ 2،484 ފްލެޓު ހެދުމަށެވެ. އެހެންވެ، މި ބަދަލާ އެކު ހައުސިން ޔުނިޓްތަކުގެ އަދަދު 3،588 އަށް މަދުވާނެ ކަމަށް އާތިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަނީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަމަށް ދޫކުރާ ތަންތަނަކީ ދިރިއުޅެން އެކަށީގެންވާ ތަންތަނަށް ހަދަން ސަރުކާރުން ބޭނުންވާތީ އެވެ.

ތިން ކޮޓަރިއަށް ބަދަލުކުރަނީ އެ މަޝްރޫއުގައި އަދި ނުފަށާ ހުރި 2،500 ފްލެޓެވެ. އެހެންކަމުން އެތަންތަން ތިން ކޮޓަރިއަށް ބަދަލުކުރަން ކޮންޓްރެކްޓަރާ މަޝްވަރާކޮށްގެން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އައި ބަދަލާ އެކު ފްލެޓްތަކުގެ އަދަދު މަދުވެފައި ވީ ނަމަވެސް، ސޯޝަލް ހައުސިން ޕްރޮގްރާމްގެ ދަށުން ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓު ދިނުމަށް އިތުރު ފްލެޓުތައް އިމާރާތްކޮށް، ހައްގުވެރިންނަށް ފްލެޓު ދޭނެ،" މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އާތިފާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފްލެޓުތަކެއް. ދެ ވަނަ ފިޔަވަހީގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ވެސް ދަނީ ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާތިފާ ވިދާޅުވީ 2017 ގައި އެޗްޑީސީން ސަރުކާރުގެ ގިނަ ކުންފުނިތަކާއި އިދާރާތަކާ އެކު ހައުސިން ގިނަ މަޝްރޫއުތަކެއް ހިންގަން ސޮއިކޮށްފައިވާ އިރު، މަޝްރޫއުތައް އަމާޒުކޮށްފައި ވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެކަމަކު މަޝްރޫއުގައި ސޮއިކުރި ކުންފުނިތަކާއި އިދާރާތަކުގައި މިފަދަ މަޝްރޫއެއް ހިންގާނެ މާލީ އަދި ފަންނީ ގާބިލްކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކާއި އިދާރާތަކުން މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ބޭރުގެ ކުންފުނިތަކުގެ ސަބް ކޮންޓްރެކްޓްކޮށްގެން އަދި ބޭރުގެ ބޭންކުތަކުން ކުންފުނީގެ ނަމުގައި ލޯނު ނަގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ ބޮޑު މަޝްރޫއުތަކުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރުމަށް ފަހު ހުށަހެޅޭ ޝަކުވާތަކުގެ އަލީގައި އިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" އާތިފާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބުނު މީހުން ގެޒެޓްކޮށް، ޔާމީން ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން ބައެއް މީހުންނާ ލިއުން ވެސް ހަވާލުކުރި އެވެ. އެކަމަކު ފްލެޓް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ. ޔާމީންގެ ސަރުކާރުން ފްލެޓް ދީފައިވާ އެންމެންގެ ނަންތައް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.