އީޔޫގެ ސިޔާސަތުން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަވި: ޝާހިދު

ފަހުގެ ތާރީހުގައި ޔޫރަޕިއަން ޔޫނިއަނުން ގެންގުޅުނު ވަރުގަދަ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ "ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގް" ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އީޔޫއިން ދެމެހެއްޓި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރި މަސައްކަތަށް ހިތްވަރު ލިބުނު ކަމަށެވެ.

"ފަހުގެ ތާރީހުގައި އީޔޫ އާއި އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން ގެންގުޅުނު ވަރުގަދަ ސިޔާތު ރާއްޖޭގެ ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަނޭ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މަސައްކަތަށް ހިތްވަރު ލިބި، ގައުމު ޑިމޮކްރެޓިކްކޮށް ދެމެހެއްޓުމަށް ކުރި މަސައްކަތް ވަރުގަދަވި،" ޝާހިދު ވިދާޅުވި އެވެ.

ވަކި ހާލަތެއް ސީދާކޮށް ވިދާޅުނުވި ނަމަވެސް ފޮރިން މިނިސްޓަރުގެ ވާހަކައިގެ އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި އިދިކޮޅު ހަރަކާތްތައް ފުނޑުކޮށްލުމުގެ ސިޔާސަތާ ދެކޮޅަށް އީޔޫއިން ދިން އިންޒާރުތައް ކަމަށް ބެލެވެ އެވެ. އެގޮތުން މިދިއަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި އޮއްވާ، މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހުރަސްއަޅައިފި ނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޔޫއިން ދީފައިވެ އެވެ.

ޝާހިދު ވިދާޅުވީ ހިންގުމުގެ ދާއިރާ އިސްލާހު ކުރުމަށް އީޔޫއިން އަގުހުރި އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ އާއި ޝަރުއީ ނިޒާމު އިސްލާހުކުރަން އީޔޫއިން ކުރާ މަސައްކަތުން ހިތްވަރު ލިބުނު ކަމަށް ވިދާޅުވި އެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަނީ މިސާލީ ގުޅުމެކެވެ. ގިނަ ދާއިރާތަކަކުން ރާއްޖެއަށް އީޔޫގެ އެއްބާރުލުން ލިބޭ ކަމަށާއި އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ދާއިރާއިން އީޔޫ އާއި ރާއްޖޭން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އީޔޫގެ މެމްބަރު ގައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަކަމާއި އެގައުމުތަކުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރާ ކަން ވެސް ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގް ކުރިއަށް ދަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދު ފެށި އީޔޫ-މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގައި މަޝްވަރާ ކުރާނީ ތަރައްގީގައި އެއްބާރުލުން ދިނުން، ޑިމޮކްރަސީ، ގަވަނަންސް، އިންސާނީ ހައްގުތައް، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަޝްވަރާތަކުގައި ރާއްޖޭން ބައިވެރިވި ވަފުދުގެ ވެރިޔަކީ ޝާހިދެވެ. އެ ވަފުދުގައި ދެން ހިމެނިވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އީޔޫއިން ބައިވެރިވި ވަފުދުގެ ވެރިޔަކީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުން ލައި މާގް އެވެ. އެ ވަފުދުގައި ދެން ހިމެނެނީ ފްރާންސް، ޖާމަނީ، ނެދަލެންޑްސް، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ސްވިޑްން، ޕޮލެންޑް، ރޮމޭނިއާ، އިޓަލީ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ސަފީރުންގެ ނައިބުންނެވެ.