ސަލްމާން ހާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދުވެސް ފިތުރު އީދަށް ހާއްސަވެގެން އުޅޭ އެކްޓަރެކެވެ. އޭނާގެ ވަރުގަދަ ފިލްމެއް ނަމަ އެ ފިލްމެއް ސިނަމާތަކަށް ގެންނަން އަބަދު ވެސް އަމާޒު ހިފަނީ އެ ތާރީހުގަ އެވެ.
ކުރިއަށް އޮތް ފިތުރު އީދުގައި ސަލްމާންގެ "ބާރަތު" ސިނަމާތަކަށް ގެނެސް އަންނަ އަހަރުގެ ފިތުރު އީދަށް ވެސް އޭނާގެ ފިލްމެއް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އެވެ.
އެއާ އެކު، ރޯހިތު ޝެޓީ، އަކްޝޭ ކުމާރާ އެކު ގެނެސްދޭ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" ގެ ޕޯސްޓަރުތަކެއް ދާދި ފަހުން ދައްކައިލި އިރު، އެ ފިލްމު ތާވަލުކޮށްފައި އޮތީ ވެސް އަންނަ އަހަރުގެ ފިރުތު އީދަށްކަން ކޯ-ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގައި ބުންޏެވެ.
އެހެންވެ އެ އީދުވެގެން ދާނީ ދެ ސުޕަސްޓާރުންގެ ކުރިމަތިލުމަށެވެ.
އަނެއްކޮޅުން، ދެ ފިލްމުގެ ޑައިރެކްޓަރުންނަކީ ވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ ޑައިރެކްޓަރުންނަށްވާތީ ފިތުރު އީދުވެގެން ދާނީ ބޮކްސް އޮފީހުގައި ބޮޑުވެގެންވާ ކުރިމަތިލުމަކަށް ދާނެ ދުވަހަކަށެވެ. ރޯހިތަކީ ޑައިރެކްޓް ކުރާ ކޮންމެ ފިލްމަކަށް 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް އެންމެ އަވަހަށް ހޯދި އެންމެ ފަރިތަ ޑައިރެކްޓަރެވެ. އަދި 100 ކްރޯޑްގެ އާމްދަނީގެ ފިލްމުތައް އެންމެ ގިނައީ ވެސް އޭނާގެ އަތުގަ އެވެ.
ބަންސާލީއަކީ ވެސް މި ފަހުން ގެނެސް ދިން ހުރިހާ ފިލްމެއް 100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ ޑައިރެކްޓަރެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސޫރިޔާވަންޝީ" ޓީމުން މިހާރު ވަނީ ފިލްމު އެހެން ތާރީހަކަށް ފަސްކޮށްފަ އެވެ. އަދި އެ ތާރީހަކީ އަންނަ އަހަރުގެ ޖުލައި 30 ކަމަށްވެ އެވެ. އެކަމަކު ރޯހިތާއި ކަރަން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ސަލްމާން ބުނީ ބަންސާލީއާ އެކު އަލުން ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޒުވާން ބަތަލާ އާލިއާ ބަޓް، ބަތަލާގެ ރޯލް ކުޅޭ "އިންޝާﷲ" އަކީ ވަރަށް ވެސް ރީތި ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އުފަލުން މިހިރީ މި ޕްރޮޖެކްޓާ ދޭތެރޭ،" ސަލްމާން ބުންޏެވެ.
"ބާރަތު" އަށް ފަހު، ސަލްމާންގެ "ދަބަންގް 3" ވެސް މި އަހަރު ރިލީޒް ކުރާނެ އެވެ. އެއީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަންނަ މަހުގެ 1 ގައި "ދަބަންގް 3" ގެ ޝޫޓިން ފަށަން ވަނީ ނިންމައިފަ އެވެ.