ގާސިމާއި އައިޝާ ވިދާޅުވަނީ ދުވަހަކު ވެސް ވަކިނުވާނެ ކަމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ އެ މަނިކުފާނާ ވަކި ނުކުރެވޭނެ ކަމަށް، އަނބިކަނބަލުން އައިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި، މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ދިފާއު ކުރެއްވުމުގެ ކެމްޕެއިން ފެށުމަށް ގާސިމްގެ އުފަން ރަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ ގާސިމާއި އޭނާ ވަކި ނުވާނީ އެހެން ގުޅުންތަކެއް ހުރީމާ ކަމަށެވެ.

އޭނާ ވިދާޅުވީ ފާޑުފާޑުގެ އަޑު އިވުނަސް، "ޖަހާހާ ބެރަށް" ނުނައްޓަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބު ކެމްޕޭނަށް މާމިގިލީގައި ބޭއްވި ޖަލްސާ. -- ފޮޓޯ ހުސެން ވަހީދު/މިހާރު

ފިރިކަލުންނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ނަހުލާ ވިދާޅުވީ ގާސިމަކީ ރައްޔިތުން ފަހުރުވެރިވާނެ ބޭފުޅެއް ކަމަށާއި "ހިތްތިރިކަމާއި އޯގާތެރިކަން އައީ" ގާސިމްގެ ފަރާތްޕުޅުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެފަދަ ބޭފުޅެއް "ދައްކަން ލާހިކެއް ނޫން" ކަމަށް ވިދާޅުވެ ނަހުލާ ވަނީ ގާސިމަށް އެކި ފަރާތްތަކުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ. ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ "މި ނިއުމަތުން މަހްރޫމް ނުވެ" ގާސިމް އިންތިހާބުކޮށްދިނުމަށެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން ގާސިމާ ކައިވެނި ބައްލަވައިގަތް ނަހުލާ ވިދާޅުވި ގޮތުގައި ގާސިމް މީހުންނަށް އެހީވަމުންދާ ސަބަބު ވިސްނިވަޑައިގަތީ އެމަނިކުފާނު ޖަރުމަނުގައި ހުންނަވަނިކޮށް ކުރިމަތިވި ހާދިސާއަކުން ކަމަށެވެ. ނަހުލާ ވިދާޅުވި ގޮތުގައި ހާދިސާއާ ދިމާވީ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި އޯޓިސްޓިކް ކުއްޖަކު ދެއްކި ވާހަކައަކުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ މިއަދު މާމިގިލީގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަހުލާ ވިދާޅުވި ގޮތުގައި އެ ކުއްޖާގެ މައިންބަފައިން ދުނިޔޭގައި ނެތުމުން، އެ ކުއްޖާ ބަލަނީ އާއިލާގެ އެހެން ބަޔަކު ކަމަށެވެ. އެކަމަކު، ބަލާނެ މީހެއް ނެތް ވާހަކަ އާއި ބޭސްފަރުވާ ނުކުރެވޭ ވާހަކަ އާއި އެހީވެދިނުމަށް އެ ކުއްޖާ އެދުމުން ވަޑައިގެންނެވީ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އެ ދުވަހު ހަގީގީ މާނައިގައި (މިކަން) އިހްސާސް ކުރެވުނީ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ގާސިމް މަސައްކަތް ކުރައްވަނީ އާއިލާ އަށް ދޭން ޖެހޭ ވަގުތު ގުރުބާން ކުރައްވައިފަ އެވެ. އެހެންވެ، ގާސިމަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

"ރަށަށް ގާސިމަށް ވުރެ މޮޅު އިތުރު ބޭފުޅެއް ވަޑައިނުގަންނަވާނެ،" ނަހުލާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާސިމާއި އައިޝާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިގެން އުޅޭ ކަމަށް ވާހަކަ ދެކެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފުނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވުމުންނެވެ.

ނަމަވެސް، ގާސިމްގެ ތާއީދު އިދިކޮޅު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ގިނަ ކެންޑިޑޭޓުންތަކަކަށް ވަނީ ދީފަ އެވެ. އަދި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެކަން ގާސިމް ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޖަލްސާގައި ނަހުލާގެ ވާހަކަތަކަށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާ އާއި އެމަނިކުފާނާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.