ބިދޭސީ މަސައްކަތު މީހުންނަށް ގަން އެއާޕޯޓުން އެތެރެވެވޭ ގޮތް ހަމަޖައްސައިފި

ރާއްޖޭގައި މަސައްކަތް ކުރަން އަލަށް ގެންނަ ބިދޭސީން ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.


ބިދޭސީ މަސައްކަތު މީހުންނަށް މިހާތަނަށް ރާއްޖެ އެތެރެވެވެނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަން އެއާޕޯޓުން ބިދޭސީން އެތެރެ ވެވޭނެ ގޮތް ހެދުމަކީ އައްޑޫގެ އާއްމުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެއީ އައްޑު އަށް ގެންދަން ބޭނުންވާ ބިދޭސީން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ސިޓީ އަށް ދިއުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މާލޭން އައްޑު އަށް ބިދޭސީން ގެންދާއިރު ޓިކެޓާއި ކެއުމުގެ ޚަރަދުގެ އިތުރުން، މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ ގެސްޓް ހައުސްއެއް ގައި ބަހައްޓަން ޚަރަދު ކުރަން ޖެހޭތީ އެކަމާ އައްޑޫގެ މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.

"އިމިގްރޭޝަނުގެ މަގްސަދަކީ ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް ހިދުމަތް ދިނުމާއި ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ދިނުމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، އާއްމުންނަށް ފަސޭހަވާނެހެން ހިދުމަތްތައް ދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށް، ހިދުމަތްތައް ފުޅާކުރާނަމެވެ." ނޫސް ބަޔާނުގައި އިމިގްރޭޝަނުން ބުންޏެވެ.