ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފުކުރި އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް މިދިޔަ ހަތަރު މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައިފި އެވެ.
"އިމިގްރޭޝަން ވޮޗް" ތައާރަފް ކުރީ މި އަހަރުގެ ޖުލައި 17ގަ އެވެ.
އިމިގްރޭޝަނުން ބުނީ އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 1،017 މައްސަލަ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 17 ބާވަތެއްގެ މައްސަލަ ހިމެނޭއިރު، އެންމެ ގިނައީ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކެވެ.
ވޮޗަށް ހުށަހެޅި މައްސަލަތައް:
1. ގަވާއިދާ ހިލާފު ވިޔަފާރި: 239 މައްސަލަ
2. ވިސާއާ ހިލާފު މީހުން: 239 މައްސަލަ
3. ހަށި ވިއްކުން: 65 މައްސަލަ
4. ގެއްލިގެން ހޯދާ މީހުން: 37 މައްސަލަ
5. ޓޫރިސްޓް ވިސާއާ ހިލާފުވެގެން: 14 މައްސަލަ
އިމިގްރޭޝަންގެ އިމުގާ ވެބްސައިޓުގައިވާ މި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަތައް ހުށަހެޅެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމެވެ. މިދިޔަ އެއް އަހަރު ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.