ޕީޕީއެމެއް ނުފެނުނު، ބޮޑު ބައްޔަކާ އެކު ބޮޑު ލަދެއް!

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބަލިވީ ބޮޑު ބައްޔަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ގޮތުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވީ އެވެ. އެ ނާކާމިޔާބީގެ ފިލާވަޅުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދުމަކީ އެ ޕާޓީން ރައްޔިތުންނަށް ވީ ވައުދެކެވެ.


އެކަމަކު، ހަ މަސް ފަހުން އިއްޔެ ބޭއްވި އިންތިޚާބުގައި ޕީޕީއެމް ބަލިވީ މާ ބޮޑު ބައްޔަކުންނެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ޕީޕީއެމް ބަލައި ނުގަތީ އެވެ. މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ޖުމްލަ 46 ގޮނޑި އަށް ޕީޕީއެމާއި ޕީއެންސީން ވާދަ ކުރި އެވެ. އެއީ، ޕީޕީއެމުން 24، އަދި ޕީއެންސީން 22 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ކާމިޔާބު ކުރެވުނީ، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އެންމެ ހަތަރު ގޮނޑި އެވެ.

އެއީ، ތ. ގުރައިދޫ ދާއިރާ އަށް ވާދަ ކުރެއްވި މުހައްމަދު ޣައްސާން މައުމޫނާއި މަހިބަދޫ ދާއިރާ އިން އަހްމަދު ތޯރިގާއި އޭދަފުށީ ދާއިރާ އިން އަހްމަދު ސަލީމާއި ނައިފަރު ދާއިރާ އަށް ވާދަކުރެއްވި އަހްމަދު ޝިޔާމެވެ. ނަތީޖާ ގުނައި ނުނިމޭތީ، މާވަށު ދާއިރާ އަށް ވާދަ ކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރ. މަޑުއްވަރީ ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ގޮނޑި އަދި ކަށަވަރެއް ނުވެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ އެންމެ ވަރުގަދަ މެމްބަރުންގެ ގޮތުގައި ނުކުތް އަދި މިދިއަ 10 އަހަރު ސިޔާސީ ދާއިރާގައި އެންމެ އަޑުގަދަ، ގިނަ ބޭފުޅުން ރައްޔިތުން މިފަހަރު ބަލައެއް ނުގަތެވެ.

ނާކާމިޔާބުވި ބައެއް މެމްބަރުން

- ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން/ ތިނަދޫ ދެކުނު ދާއިރާ

- އަބްދުއްރަހީމް އަބްދުﷲ/ ފޮނަދޫ ދާއިރާ

- ޑރ. އަބްދުﷲ ޚަލީލް/ ނިލަންދޫ ދާއިރާ

- އަލީ އާރިފް/ ކެލާ ދާއިރާ

- އަބްދުﷲ ރިފާއު/ މާފަންނު ދެކުނު ދާއިރާ

- އިބްރާހިމް ފަލާހް/ އިނގުރައިދޫ ދާއިރާ

- މުހައްމަދު އަލީ/ ދުވާފަރު ދާއިރާ

- މުހައްމަދު ޝާހިދު/ ހުޅުދޫ ދާއިރާ

- މާފަންނު މެދު ދާއިރާ/ އަސްމާ ރަޝީދު

- އަހްމަދު އަސްއަދު/ ގަލޮޅު ދެކުނު ދާއިރާ

- މުއާޒް މުހައްމަދު ރަޝީދު/ މަޑަވެލި ދާއިރާ

މި މެމްބަރުން ބަލައި ނުގަތުމަކީ، ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވާނެ ކަމުގެ ވައުދާ އެކު ނުކުތް ޕާޓީ އަށް ކުރިމަތިވި ލަދުވެތި ކަމެކެވެ. ހަައްގުތަކުގެ ވާހަކަ އެ ބޭފުޅުން ދެއްކެވި ނަމަވެސް މިދިއަ ފަސް އަހަރު، އެތައް ހައްގެއް ނިގުޅައިގަނެ، ހިޔާނާތުގެ ބޮޑެތި އަމަލްތައް ހިންގުމުގެ ތުހުމަތު އޮތުމުން، އިތުރަށް ފުރުސަތު ދޭން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންނުވީ އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭންގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަޖިލީސް އިންތިޚާބުގެ ނާކާމިޔާބީއާ ގުޅޭ ގޮތުން ޕީޕީއެމުން އަދި ވާހަކައެއް ނުދައްކަ އެވެ. ޕާޓީގެ އިސް ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީ ކޮމެންޓެއް ނުލިބުނެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މި އިންތިޚާބުގައި އަމިއްލަ ގޮތުން އުނގޫފާރު ދާއިރާ އަށް ވާދަ ކުރެއްވި އަބްދުލްމަތީން ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމަށް މި އިންތިޚާބު ނާކާމިޔާބުވި ސަބަބުތައް ގިނަ އެވެ.

ފުރަތަމަ ކަމަކަށް އޭނާ ވިދާޅުވީ، މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީޕީއެމްގެ ފައިސާ ހިފެހެއްޓުމެވެ. ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ވެސް މި އިންތިޚާބުގެ ކެމްޕޭނަށް ޚަރަދު ކުރިޔަ ނުދޭން ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

"އަނެއް ކަމަކީ ޕީޕީއެމަށް ކެމްޕޭން ކުރެއްވިޔަ ނުދޭން ރައީސް ޔާމީން ބަންދުކުރީ. ނަތީޖާއަކަށް ވީ ޕާޓީގެ ލީޑަޝިޕްގެ ކެމްޕޭނެއް ނެތި އެ މީހަކާ އެ މީހެއް ކުރިއަށް ގެންދިޔައީ،" މަތީން ވިދާޅުވި އެވެ.

"ދެން މިވީ ގޮތަކީ، ޕީޕީއެމުން ޓިކެޓު ދީފައި ތިބި ޕީޕީއެމްގެ އިޚްލާސްތެރި މެމްބަރުންގެ އަތުން ޓިކެޓް އަތުލުން. މިއީ، ރައީސް ޔާމީނަށް ކުރިމަތިވި ފިއްތުންތަކުގެ ތެރޭގައި ޕާޓީގެ ނިންމުމެއް. އެކަން ޕީޕީއެމްގެ ސަޕޯޓަރުންނަށް ބަލައެއް ނުގަނެވުނު."

މަތީން ވިދާޅުވި ގޮތުގައި ޖޭޕީއާ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ޕީޕީއެމުން ގާތްގަނޑަކަށް 30 ދާއިރާއެއްގެ ޓިކެޓް އަތުލަން ނިންމި ނިންމުމަކީ ޕާޓީ އަށް ކުރިމަތިވި ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. ޓިކެޓް އަތުލި ދާއިރާތަކުގެ ކެންޑިޑޭޓުން ނުކުތީ އަމިއްލަ ގޮތުންނެވެ.

"އެ ދާއިރާތަކުގެ ޕީޕީއެމް/ޖޭޕީ ޓިކެޓް ބައިބައިވީ. އެމްޑީޕީގެ ވޯޓުތައް ހުރި ގޮތަށް ހުރީ. އެއީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އަށް ލިބުނު ވަރަށް ބޮޑު ފައިދާއަކަށް ވި،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގެން މަޝްރޫއުތައް އިއުލާން ކުރައްވައިި އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ ވެސް އިދިކޮޅު ޕާޓީތައް ފުނޑާލަން އެމްޑީޕީން ކުޅުނު ގޭމެކެވެ.

"ވަރަށް ރޭވުންތެރިކަމާ އެކު ވަރުގަދަ ކެމްޕޭނެއް އެމްޑީޕީން ކުރީ. އެ ކެމްޕޭން ކުރީ އިދިކޮޅު މުށުތެރެއަށް ލައިގެން ބާރާއި ނުފޫޒު ބޭނުންކޮށްގެން. އެމްޑީޕީ އަށް ކުޅެވެން ހުރި ހުރިހާ ކާޑުތަކެއް ކުޅުނު،" މަތީން ވިދާޅުވި އެވެ.

އެކަމަކު ފެންނަން އޮތް އަނެއް ހަގީގަތަކީ، ޕީޕީއެމްގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ރޭވުންތެރި އެއްވެސް ކެމްޕޭނެއް ކުރިއަށް ނުގެންދެވުމެވެ. ޖަލުގައި އޭރު އޮންނެވި ޔާމީނާ ހިސާބުން ޕާޓީގެ ކުރިމަގު ބަނަވީ ކަމަށް ދެން ތިއްބެވި ބޭފުޅުން ގަބޫލުކުރެއްވި ފަދަ ގޮތަކަށް މުޅި ޕާޓީ އޮތީ ވިއްސިވިހާލިވެފައި ކަމަށް ފެނުނެވެ.

މިހާ ބޮޑު ބައްޔަކުން ޕީޕީއެމް ބަލިވުމުން ދެން އެ ޕާޓީ އަލުން ސިޔާސީ ދާއިރާއަށް ނުކުންނާނެ ގޮތަކާ މެދު ވެސް ސުވާލުތަކެއް އެބަ ހުއްޓެވެ. އެކަމަކު އެ ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުންގެ މެދުގައި ފުރަތަމަ މި އޮތީ ލަދުވެތި ބައްޔާ މެދު ފުންކޮށް ވިސްނުމެވެ.