އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ވަގުތެއްގައި ވަގުތީ ނަަތީޖާ އިއުލާނުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް ކޮން ވަގުތެއް ކަމެއް ވިދާޅެއް ނުވެ އެވެ.
މި އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެކަމަކު ވޯޓުލާފައިވަނީ 212،079 މީހުންނެވެ. މިއީ މަޖިލިސް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އިލެކްޝަންސް އިން އިއުލާނުކުރާނީ ހަމައެކަނި ދާއިރާތަކުގައި ނަތީޖާ އެވެ. އެހެންވެ އިއްޔެ ބޭއްވި އިންތިޚާބުގައި ވަކިވަކި ވޯޓު ފޮށިތަކުން ލިބުނު ނަތީޖާ އިއުލާނުކުރުމުގެ ބަދަލުގައި އިލެކްޝަންސް އިން އާއްމުކުރާނީ ދާއިރާތަކުގައި ލިބުނު ޖުމްލަ ވޯޓު އެކަންޏެވެ.
Mireyge vagutheh ga vaguthee natheeja iulaan kuran fesheyne in shaa Allah
— Ahmed Shareef (@ShareefRangondi) April 7, 2019
އިންތިޚާބު ނިމޭތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އަންނަ ހުކުރު ދުވަހުގެ ކުރިން ދާއިމީ ނަތީޖާ އިއުލާނުކުރަން މަަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވަނީ ކުރިން ވިދާޅުވެފަ އެވެ.
އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި އާދަޔާ ހިލާފު ނަތީޖާއަކުން ކުރީގައި އުޅެނީ އެމްޑީޕީ އެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެ ޕާޓީން ވަނީ 65 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.