މަތިވެރީގެ ގެސްޓު ހައުސްއެއްގައި ރޯވެއްޖެ

އއ. މަތިވެރީގެ ގެސްޓު ހައުސްއެއްގައި މިރޭ ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.


ދެ ބުރި އަށް ހަދާފައިވާ ކާޒާ މިއާގެ ތިން ކޮޓަރީގައި ރޯވި އަލިފާން ނިންވީ ރައްޔިތުން ނުކުމެ ފެން ޖަހައިގެންނެވެ. އަލިފާން ކޮންޓްރޯލް ވި އިރު ކޮޓަރިތައް އަނދައި ހުލިވެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

މަތިވެރި ގެސްޓު ހައުސްގައި ރޯވެފައި.

ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އެ ގެސްޓު ހައުސްގައި 25 ކޮޓަރި ނިމިފައިވާ އިރު 25 ކޮޓަރީގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެ އެވެ. މީގެ ކުރިން ގެސްޓުން އެތަނުގައި ތިބި ނަމަވެސް މިވަގުތަށް ހުރީ މަރާމާތަށް ބަންދުކޮށްފައި ކަމަށް އެ ރަށުގެ ކައުންސިލަރަކު ވިދާޅުވި އެވެ.

"އެ ތަނުގައި މިހާރު އުޅެމުން ދަނީ އެތަނުގައި މަސައްކަތް ކުރާ މީހުން. މަތީގެ ތިން ކޮޓަރީގައި ރޯވީ. ގިނަ އަދަދަކަށް ލަކުޑި އާއި ހިޔާކުރަން ފަން ބޭނުންކޮށްފައި ހުރީމަ އެހާ އަވަހަށް އަލިފާން ފެތުރިގެން ދިޔައީ،" ކައުންސިލަރު ވިދާޅުވި އެވެ.

މަތިވެރި ގެސްޓު ހައުސްގައި ރޯވެ އަނދަނީ.

އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެތަނުގައި ރޯ ކޮށްލީ އެވެ. އެނގިފައިވާ ގޮތުގައި އެއީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އާއިލާގެ ހިއްސާ އޮންނަ ތަނެކެވެ.

އެތަނުގެ މަރާމާތު ނިންމައި މި މަހުގެ ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކެވި ކައުންސިލަރު ވިދާޅުވި އެވެ.