މަތިވެރި ކަސާމިއާ ގެސްޓް ހައުސް އެ ރަށު ކައުންސިލާ މިރޭ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 އޯގަސްޓް 2025 - 22:43
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގެވި 50 ކޮޓަރީގެ ގެސްޓް ހައުސް އއ. މަތިވެރި ކައުންސިލާ މިރޭ ހަވާލުކޮށްފި އެވެ.
ކަސާ މިއާ ހުރި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައި ދެއްވުމަށް ރައްޔިތުން އެދުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އޭރު ކައުންސިލުން ރައީސަށް ހުށަހެޅީ ކަސާ މިއާ ގެސްޓް ހައުސް ހުރި އެ ބިމުން މިދިޔަ 8 އަހަރުގެ ތެރޭގައި ވެސް ރަށަށް އެއްވެސް ފައިދދާ ނުވާ މައްސަލައާ ގުޅުން ހުރި ކަންބޮޑުވުންތަކެވެ. އެހެންވެ، އެ ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އޭރު އެ މަނިކުފާނުގެ އަރިހުގައި ދެންނެވުމުން އޮތީ އެ ކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އޭގެ ފަހުން ދެ ވަނަ ފަހަރަށް މަތިވެރި އަށް ރައީސް މުއިއްޒު މިއަދު ވަޑައިގެން މަތިވެރި ކައުންސިލާ، ކަސާ މިއާ ގެސްޓް ހައުސްގެ ބިން ހަވާލު ކޮށްދެއްވީ އެ ރަށުގެ ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބިން ކައުންސިލާ ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ. ކައުންސިލުން ބިމާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް އެވެ.
މަތިވެރީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކާސާ މިއާ އަކީ އެ ރަށުގެ ތަރައްގީ އަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އަދި ކާސާ މިއާއާ ގުޅޭ ހުރިހާ ކަމެއްގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ އެއްބާރުލުން ބޭނުން ކޮންމެ ވަގުތަކު ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
ޖާބިރަށް ދޫކުރި ބިމުގައި ހިންގި ކަސާ މިއާ ގެސްޓް ހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ ތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާ ނުދައްކައި އޮތުމުން، ރައްޔިތުންނާއި ކައުންސިލުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ހަމަނުޖެހުންތަކެއް ވެސް ހިންގާފައިވެ އެވެ.
އެ ގެސްޓް ހައުސްގެ ކޮޓަރިއެއްގައި ރޯކޮށްލުމުގެ އިތުރުން މަތިވެރި އަށް ޖާބިރު އަރައިވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އޭނާއާ ދެކޮޅަށް އިހުތިޖާޖުކޮށް، ރަށުން ވެސް ބާލުވައިފަ އެވެ.
އެ ގެސްޓް ހައުސް މިހާރު ހުރީ ބޭނުންނުކޮށް ފަޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމު
20 August 2025
މަތިވެރި ރައްޔިތުންނަށް އުފާވެރިކަން ރައީސް ޑރ މުއީއްޒު ގެނުވައިފި އިންޝާﷲ
ޙުޝާންޓެ
20 August 2025
ގެސްޓް ހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ ތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާ ނުދައްކައި އޮތުމުން ބިންނެގެވީ ބަރާބަރައް ..ސާބަހޭ ރައީސް މުއީޒް..
އަސްލު ހާލަތު
20 August 2025
ޖާބިރު އެތަނަށް ކުރި އިންވެސްޓެއް ނޯންނާނެ. އެއީ ފުލްކޮށް އޮޕަރޭޓް ކުރަމުން ދަނިކޮށް ޖާބިރު އެހެން މީހެއް އަތުން ގަނެ ފަނާކޮށްލާފަ އޮތް ތަނެއް.
މަރުމޯލުގެ
20 August 2025
ގަންނަން ހޭދަކުރި ލާރިއަކީ އިންވެސްޓެއް ނޫން، އެއީ ޚައިރާތެއްތަ؟ ދިވެހި ވިޔަފާރިވެރިން ލަންކާ ދުބާއީއާއި ދިމާލަށް މިސްރާބު ޖަހާފައިހުރީ މިހިރަ މިހަރަ ސަބަބުތަކަށްޓަކައި.
ގައްސާންް
20 August 2025
ޒަމާންތަކެއް ވަންދެން މަތިވެރިއަށް ނުކލިބި އިން ކުރިއެރުން އަދިކިރިޔާ މިލިބުނީ.
ފަޒްލީމްް
20 August 2025
މަތިވެރި ރައްޔިތުން ކުރަމުންދިޔަ އުންމީދުތަކުގެ ކުލަ މިއަދު ރައީސް މި ޖައްސުވައިދެއްވީ. ރައީސަކު ކަމެއް ކޮށްދީގެން މަތިވެރި ރައްޔިތުން އެންމެ އުފާވީ މިދުވަހު.
އަފްސަލް ހަމީދް
20 August 2025
މަތިވެރި ރައްޔިތުންނަށް މިއީ ނިކަން އުފާވެރި ދުވަހެއް
ސައްޔާރާ
20 August 2025
މިއީ އަހަރުމެންނަށް ލިބުނު ނަސީބެއް. ހާދަހާ ދިގު އިންތިޒާރެއްގެ ނިމުމެކޭ
ސަލީމްބެ ހަލީމް
20 August 2025
މަތިވެރި ރައްޔިތުން އަބަދުވެސް ބުނާ ބަހެއް. ކައުންސިލުން ކަސާ މިއާ ހޯދަން ނޫޅެޔޭ. ނޫޅެނީކީ ނޫން. މިދިޔަ ސަރުކާރުތަކުން ނޫޅެނީ
ޢިކްލީލް
20 August 2025
މީ ދެރަކަމެއް. މީހުން ކުރާ ބޮޑެތި އިންވެސްމަންޓްސް ހުއްޓުވާ އޯނާ ޝިޕް ޖަހައިގަތުމަކީ ކުރިމަގުގައި އިންވެސްޓް ކުރާ މީހުން ބިރުގަންނާނެ ކަމެއް. ކަންކަން ހައްލު ކުރަނީ މަޝްވަރާގެ ރީތި މަގުން.
އަދްނާންް
20 August 2025
ބަލަ ކާކުގެ އިންވެސްޓްމަންޓެއް. ތިއީ މަތިވެރި ރައްޔިތުން އެމީހުންގެ ބުރަ މަސައްކަތުން އަޅާފަހުރިތަނެއް. ބަޔަކު މަކަރާ ހީލަތުން ކުރިކަމެއް ކުރީ.
ޑޮކް
20 August 2025
ގެރެންޓީކޮށް ބުނަންއެނގެނީ ތިއީ ޖާބިރާ ގުޅިގެން ހިންގާފައޮތް ޑީލެއްކަން. ދެން ޖާބިރު ދާނީ ކޯޓަށް. ބަދަލުގެ ގޮތުގައި އެތައް ސަތޭކަ މިލިއަނެއް ނަގާނެ. މިވީތަނަށް ޖާބިރު ކޯޓުން ފެއިލްވެފައެއްނެތް. މިހާރު މާ އަޑުމަޑުވެގެން މިއުޅެނީ ކޮންމެވެސް ޖަރީމާއެއް ހިންގާތީ. މިހާރުން މި ކޮމެންޓް އާކައިވްކޮށްފަ ބަހައްޓާތި. މި ނޫންގޮތަކަށް މިކަން ނުނިމޭނެ.
ޝަބުނަމް
20 August 2025
ޖާބިރަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ސޯލިހް ޖާބެ ދެކެ ބިރުން އުޅުނަސް ރައީސް މުއިއްޒު އެއަށްވުރެ ގަޓުހުންނާނެ. ޖާބިރު ހުންނާނީ ސައިޒުގަ. މިކޮމެންޓް އާކައިވްކޮފަ ބަލާތި މިހެންނޫންތޯ ކަންދާނީ.