ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަލިވެއްޖެކަން ގަބޫލުކުރާ ކަމަށާއި ސަބަބުތައް ދެނެގަނެ، އަލުން ތެދުވާނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި އާއްމު އިންތިޚާބުގައި އަދާލަތު ޕާޓީން 8 ގޮނޑި އަށް ވާދަ ކުރި އެވެ. އެކަމަކު އެންމެ ގޮނޑިއެއް ވެސް ނުލިބި އަދާލަތަށް މި އިންތިޚާބުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ މިހާރު ތަމްސީލް ކުރަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ. ގޮނޑި ދިފާއު ކުރައްވަން އެ ދާއިރާ އަށް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު އަނާރާ އަށް ގޮނޑި ނުލިބި އެ ދާއިރާ ވެސް ގެއްލުނީ އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ވިދާޅުވީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓުން ނުހޮވުނު ސަބަބުތައް ދިރާސާކުރާނެ ކަމަށެވެ. މައްސަލަތަކަކީ ކޮބައިތޯ ބަލައި ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.
"އަދާލަތުން ގަބޫލުކުރަން ބަލިވެއްޖެ ކަމަށް. މައްސަލަތަކަކީ ކޮބައިތޯ ބަލަން ޕޯސްޓްމޯޓަމެއް ހަދައި އަލުން މި ޕާޓީ ތެދުވާނެ،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަލަބޮލި ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީ ދެމިއޮވެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެވޭ ކަމަށް އެ ޕާޓީން ގަބޫލު ކުރެ އެވެ. އެކަމަކު އިންތިޚާބުތަކުގައި އެ ޕާޓީގެ ލޯގޯއާ ދިމާލަށް ފާހަގަޖެހުމުގައި ހުރި ހުރަސްތައް ދެނެގަންނާނެ ކަމަށް ވިދާޅުވި އެވެ.
"އެކަން ދެނެގަނެ ޕާޓީގެ ސިޔާސަތުތަކަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ވެސް އަދާލަތު ޕާޓީން ކުރާނެ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރުމުގެ ފުރުސަތު ނުލިބުނަސް ރައްޔިތުންގެ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.
މި އިންތިޚާބުގައި، ސަރުކާރު ކޯލިޝަނުން އެކުގައި ވާދަކުރަން ކުރިމަތިވި ހިޔާލުތަފާތުވުންތަކާ އެކު ވެސް އެމްޑީޕީއާ ގުޅިގެން ވާދަކުރަން ނިންމައި އަދާލަތުން ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އެއީ، އެއް ބަޔަކު އަނެއް ބަޔަކަށް ގޮނޑިތައް ދޫކޮށްލައިގެން ވާދަކުރުމެވެ.
އެކަމަކު އެކަމަށް އެމްޑީޕީގެ ކެންޑިޑޭޓުންގެ ރުހުން ނުލިބުމުން އަދާލަތުން ވާދަކުރީ އެކަންޏެވެ. މި އިންތިޚާބުގައި 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ.