ރާއްޖޭގައި މަދަނީ މައްސަލަތައް ވަގުތުން ހައްލުވެގެން ދާނީ ހަރުދަނާ ކޮމާޝަލް އާބިޓްރޭޝަން ސެންޓަރެއް ގާއިމްކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަކީ ވިޔަފާރިއާ ގުޅޭ ދާއިރާތަކުން ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރަން ހުރި ގޮންޖެހުންތަކުން އަރައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް، އާބިޓްރޭޝަން ސެންޓަރު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއަކީ އިތުބާރު ލިބޭ ތަނަކަށް ހަދަން ޖެހެ އެވެ. އެކަމުގައި ވެސް އޮތް އެއް ހައްލަކީ އިތުބާރު ކުރެވޭ އާބިޓްރޭޝަން ސެންޓަރެއް ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.
"މަދަނީ އަދުލުގެ ނިޒާމު އެބަ ޖެހޭ އިސްލާހުކުރަން. މިހާރު ގިނަ ވަގުތު އެބަ ނަގާ އެ މައްސަލަތައް ނިންމަން. މުއާމަލާތް ކެނޑޭ ހިސާބުން މައްސަލަތައް ނިމިގެންދާނީ. އެހެންވެ ވިޔަފާރިވެރިންނަށް ގެއްލުންތަކެއް އެބަ ލިބޭ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާއާ އެއްގޮތަށް އާބިޓްރޭޝަނަކީ ވެސް ބޮޑު ސެކްޓާއެއް ކަމަށާއި މި ސަރުކާރުގައި އެ ދާއިރާ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މަޖިލީހުން އޭނާއަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ގާއިމްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާބިޓްރޭޝަނަކީ ކޯޓުތަކަށް ގޮސްގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޯޓުން ބޭރުގައި އާބިޓްރޭޓަރުން މެދުވެރިކޮށް ހައްލު ހޯދުމެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނެއް 2013 ގައި ހެދި ނަމަވެސް އެ ގާނޫނުގައި ބުނާ ކަންތައްތަކެއް ފުރިހަމަކޮށްފައެއް ނުވެ އެވެ.
ރާއްޖެއާ ގުޅޭ ބޮޑެތި ބައެއް މައްސަލަތައް ބޭރުގެ އާބިޓްރޭޝަން ސެންޓަރުތައް މެދުވެރިކޮށް ނިންމާފައިވެ އެވެ. އެގޮތުން އެންމެ މަޝްހޫރު މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދިން އެއްބަސްވުން ބާތިލްކުރުމުން، ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ހުށައެޅި މައްސަލަ އެވެ.
ބަދަލެއް ގޮތުން 1.4 ބިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން އެދުނު ނަމަވެސް އާބިޓްރޭޝަންގައި ނިމުނީ ރާއްޖެއިން ދައްކަން ޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށެވެ. އެއީ 208 މިލިއަން ޑޮލަރާއި އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ 42 މިލިއަން ޑޮލަރެވެ.
އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ވިޔަފާރިއާ ގުޅޭ ގާނޫނުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އާޒިމް ވަނީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އުޅުއްވި އެވެ.
އާޒިމް ވިދާޅުވެފައި ވަނީ އޭނާ ވެވަޑައިގަންނަވާނީ ނަޒާހަތްތެރި، މަޖިލީހުގައި ނަމޫނާ ނެރެދެއްވާނެ މެމްބަރަކަށް ކަމަށެވެ.
އެޑިޓަރުގެ ނޯޓު:
މިއީ އާންމު އިންތިހާބަށް "މިހާރު"ން ތައާރަފުކުރި ހާއްސަ ޕަކޭޖްގެ ތެރޭގައި ހިމެނޭ ކަވަރޭޖެކެވެ.