ގާސިމާއި ސައީދުގެ ވޯޓުތައް އަލުން ގުނަނީ، އާދަމް ޝަރީފް ވެސް ލިސްޓަށް އިތުރުވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ގޮނޑި ދިފާއު ކުރެއްވި މާމިގިލީ ދާއިރާ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮވިވަޑައިގެންނެވި މާވަށު ދާއިރާގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާގެ ވޯޓުތައް އަލުން ގުނަން މިއަދު ނިންމައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ތިން ދާއިރާގެ ވޯޓުތައް ގުނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒުގައި މިއަދު ހަވީރު ކަމަށެވެ.

މީގެ ކުރިން، ބާތިލް ވޯޓު ގުނާފައިވާ ގާސިމްގެ ދާއިރާ އިން މިއަދު އަލުން ގުނަން ނިންމީ އެންމެ ފޮއްޓެކެވެ. އެ ފޮށި އަލުން ގުނައިދޭން ވެސް އެދުނީ ކުރިން ޝަކުވާ ހުށަހެޅި އޭނާގެ އިންތިޚާބީ އެޖެންޓެވެ.

ބާތިލް ވޯޓުތައް އަލުން ގުނިއިރު ގާސިމަށް 19 ވޯޓު ވަނީ އިތުރުވެފަ އެވެ. އޭގެ ކުރިން އެމަނިކުފާނާއި އެ ދާއިރާ އަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓާ މެދު ހުރީ 80 ވޯޓުގެ ތަފާތެކެވެ.

މާވަށު ދާއިރާގައި ބެހެއްޓި 96 ވޯޓު ފޮށީގެ ތެރެއިން 69 ފޮއްޓެއް ގުނައިދޭން އަލުން ހުށަހެޅީ އޭނާއާ ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމްގެ ފަލާހުގެ ފަރާތުންނެވެ. މީގެ ކުރިން، ޝަކުވާ ހުށަހަޅައިގެން އިއްޔެ ގުނިއިރު ސައީދަށް ވަނީ އެއް ވޯޓު މަދުވެފަ އެވެ. އޭނާ އާއި ފަލާހްއާ ދޭތެރޭގައި މިހާރު އުޅެނީ ފަސް ވޯޓުގެ ފަރަގެކެވެ.

އާދަމް ޝަރީފް ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާ އިން ގުނަން ނިންމީ ތިން ފޮއްޓެކެވެ.

އާދަމް ޝަރީފް ކުރި ހޯއްދެވީ 868 ވޯޓުންނެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމަށް ލިބިވަޑައިގަތީ 851 ވޯޓެވެ. އެއީ 17 ވޯޓުގެ ފަރަގެކެވެެ.

މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ. އިދިކޮޅަށް ލިބުނު 22 ގޮނޑީގެ ތެރެއިން ޕީޕީއެމް/ކޮންގްރެސް ޕާޓީ އަށް ލިބުނީ އަށް ގޮނޑި އެވެ. ޖުމްހޫރީ ޕާޓީ އަށް ފަސް ގޮނޑި އެވެ.