ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާން ދާދި ފަހުން ފިލްމެއްގެ ޝޫޓިންގެ ތެރޭގައި ހެލްމެޓް ނާޅައި، ނިއު ދިއްލީގެ މަގެއްގައި ސައިކަލް ދުއްވި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސާރާ އާއި ކާތިކް އާރިޔަން ލީޑް ރޯލްގައި ހިމަނައިގެން ޑައިރެކްޓަރު އިމްތިއާޒް އަލީ ހަދާ ފިލްމު "އާޖް ކަލް" ގެ ޝޫޓިން ތެރޭގައި ނަގާފައިވާ ވީޑިއޯއެއްގައި ފެންނަނީ ސައިކަލެއްގެ ފަހަތުގައި ސާރާ ހެލްމެޓް ނާޅައި އިންދަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ހެލްމެޓް އަޅައިގެން ސައިކަލްގެ ކުރީގައި ކާތިކް އިންނަ އިރު، ފަހަތުގައި ސާރާ ހެލްމެޓް ނާޅައި އިންދަ އެވެ. އޭރު ދެ މީހުން ތިބެނީ ހުއްޓިގެން ބަޔަކާ ވާހަކަ ދައްކާށެވެ.
ބެލެވޭ ގޮތުން މި ވީޑިއޯ ނަގާފައި ވަނީ ސައިކަލްގެ ފަހަތުގައި އޮތް ކާރެއްގެ ތެރޭގައި ތިބި ބަޔެކެވެ.
ވީޑިއޯގެ މައްސަލަ ބަޔަކު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައި، ބަޔާނެއް ދޭން ސާރާ އަށް މިހާރު ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސާރާ އާއި "އާޖް ކަލް" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ "އާޖް ކަލް" އަކީ އަންނަ އަހަރުގެ ފެބުރުއަރީ 14 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.
ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު ރިލީޒް ކުރި "ކޭދަރުނާތު" އިންނެވެ.