ގަމާއި މުންޑޫ ގުޅާލަދޭން އެދެފި

ލ. ގަމާއި އެ އަތޮޅު މުންޑޫ ފާލަމަކުން ގުޅާލަދޭން، މުންޑޫ ކައުންސިލުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިި އެވެ.


ރައްޔިތުންގެ އެ ހުށަހެޅުން ކައުންސިލުން ހިއްސާކުރީ ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގަ އެވެ.

އެކަމާ ގުޅޭ ތަފްސީލު ދެއްވަމުން، މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް ވިދާޅުވީ އެ ދެ ރަށް ދޭތެރޭގައި ދެ ކިލޯ މީޓަރު ހުންނައިރު، ދިޔަވަރު ހިކި ދުވަސްވަރު ހިނގާލާފައި މުންޑުއިން ގަމަށް ދެވޭނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ދުވަސްވަރުގައި ވެސް އެ ދެމެދުގައި ހުންނާނީ މީޓަރެއްހާ ފުންމިން ކަމަށް އޭނާ ވިދާޅުވި އެވެ.

މުންޑު އާއި ގަމާ ދޭތެރޭ ފަޅު ފަސް ރަށް އޮވެ އެވެ. އޭގެތެރޭގައި ބެރަސްދޫ ކިޔާ، މުންޑުއަށް ވުރެ ބޮޑު ރަށެއް ހިމެނެ އެވެ.

ނައީމް ވިދާޅުވި ގޮތުގައި އެ ދެ ރަށް ދޭތެރޭ އެހެން ރަށްތަކެއް ހުރި ނަމަވެސް އެ ދެމެދުގައި ފާލަމެއް އަޅައި ގުޅާލުމަކީ، ލ. އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ އިސްދު އާއި ކަލައިދުު އާއި މާބައިދޫ ފަދަ ރަށްތަކަށް ލިބޭނެ ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަތުރު ކުރަން ޖެހޭ ގޮތުން، އިސްދޫ މީހުން ގަަމަށް ދާން އެތައް އިރެއް އެބަ ނަގާ. އެކަމަކު އެ މީހުން މުންޑުއަށް އައިސް މުންޑޫން [އެއްގަމު ވެހިކަލެއްގައި] ގަމަށް ދެވުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް،" ނައީމް ވިދާޅުވި އެވެ.

މުންޑޫގައި މިހާރު އުޅެނީ މަދު ބައެކެވެ. އެ ރަށުގެ ގިނަ މީހުން މިހާރު ވަނީ ގަމަށް ހިޖުރަކޮށްފަ އެވެ.

މުންޑޫ ކައުންސިލުން ރައީސަށް ހުށަހެޅި އިތުރު ކަންތައްތަކުގެ ތެރޭގައި ސުނާމީގައި ގިނަ ގެތައް ހަލާކުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމާއި ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ލިބެން ނެތުން ހިމެނެ އެވެ. އަދި ރަށުގެ މުއައްސަސާތަކުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ހުށަހެޅުއްވި އެވެ.