ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީގެ ހިދުމަތް ފަށައިފި

ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަތޮޅުގައި އެމްޓީސީސީން ލޯންޗް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.


އެ ކުންފުނިން ބުނިގޮތުގައި މިއަދު އެ ހިދުމަތް ފެށީ އަޖުމަ ބެލުމުގެ ގޮތުންނެވެ. ފެރީގެ ހިދުމަތް އަދި ދެނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ހދ. ކުޅުދުއްފުށި ގުޅޭގޮތަށެވެ. ހިދުމަތުގެ ފީ އުޅެނީ 150ރ. އާއި 250ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ.

އަޖުމަ ބެލުމަށް ފަހު އެ ދެ އަތޮޅުގެ ރަށްތަކަށް ދާއިމީކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެރީގެ ހިދުމަތް ދެމުންނެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މިސަރުކާރުގެ ވައުދެކެވެ.