ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެ 22 ދަރަޖަ ކުރިއަށް

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.


ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި އަހަރު ރާއްޖެ އޮތީ 98 ވަނައިގަ އެވެ. މިއީ 22 ދަރަޖައިގެ ކުރިއެރުމެކެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވަން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލާ ރިޕޯޓެކެވެ. ރާއްޖެ ހިމެނޭ އޭޝިއާ ޕެެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އައި ބަދަލުތައް ދިރާސާ ކުރުމަށް ފަހު އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް މި ފަހަރު ލިބުނު ކުރިއެރުމުން ދައްކައިދެނީ ސިޔާސީ ގޮތުން އަންނަ ބަދަލަކުން ނޫސްވެރިންނަަނަށް މާހައުލު ބަދަލުވާ ގޮތް ކަމަށެވެ.

"ގައުމުގެއްގެ ސިޔާސީ މަޝްރަހު އޮންނަ ގޮތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާ ގޮތެއްގައި އަސަރުކުރުވާނެ ކަމެއް،" އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެނަލިސިސްގައި ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރަށް މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ހެދި ބައެއް ގާނޫނުތަކާއި އެކި މުއައްސަސާތަކުން އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ. އެގޮތުން 2013 ވަނަ އަހަރު ރާއްޖެ 103 ވަނައިގައި އޮތް އިރު މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން އަބުރުގެ ގާނޫނު ވަނީ އުވާލައިފަ އެވެ. އެ ގާނޫނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފާސްކޮށް، އޭގެ ބޭނުންކޮށްގެން ގިނަ މީޑިއާތަކެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި ގާނޫނެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ވޭތުވެދިޔަ ހަތް އަހަރު ރާއްޖެ

1. 2013 - 103 2. 2014 - 108 3. 2015 - 112 4. 2016 - 112 5. 2017 - 117 6. 2018 - 120 7. 2019- 98

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެއްވަނަ މަގާމް ވެސް ހޯދީ ނޯވޭ އެވެ. ދެވަނައިގައި ފިންލޭންޑް އޮތް އިރު ދެން އެންމެ ކުރީގައި އުޅެނީ ސްވިޑްން، ނެދަލޭންޑްސް، ޑެންމާކް، ސްވިޒަލޭންޑް އަދި ނިއުޒީލޭންޑެވެ.