ކޮލަމްބޯ (އެޕްރީލް 30) - ސްރީ ލަންކާގައި މިދިޔަ ހަފުތާގައި ދިން ބޮމުގެ ހަމަލަތާކާ ގުޅިގެން އެ ގައުމުގައި މޫނު ނިވާކޮށްގެން އުޅުން މަނާކުރި އިރު ކަންފަތް ވެސް ނިވާ ނުކުރާ ގޮތަށް ބަޔާންކޮށް މިއަދު ގެޒެޓްކޮށްފި އެވެ.
ކަންފަތް ނިވާކޮށްގެން އުޅުން މަނާކުރިއިރު މޫނު ބުރުގާ އަޅާ މީހުންގެ އިތުރުން ބުރުގާ އަޅާ އެހެން މީހުންނަށް ވެސް ދަތިތަކެއް ކުރިމަތިވާނެ އެވެ.
މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ލަންކާގެ އެކި ތަންތަނުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މޫނު ނިވާކޮށްގެން އުޅުން އިއްޔެ އިން ފެށިގެން މަނާކުރީ ރައީސް މައިތުރިޕަލާ ސިރިސޭނާ އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ. މޫނު ނިވާކުރުން މަނާކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދި މިއީ ގައުމީ ސަލާމަތަށް ޓަކައި އަޅާ ފިޔަވަޅެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލަންކާގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ވަނީ ބޮމުގެ ހަމަލާތައް ދިން ކަމަށް ޝައްކު ކުރެވޭ ނެޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތުލް މިއްލަތު އިބްރާހިމް ކިޔާ ޖަމާއަތެއް ވެސް މަނާކޮށްފަ އެވެ.
ބޮމުގެ ހަމަލާތައް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ކަމަށް ވަނީ ބުނެފަ އެވެ.