އަލިފާނުގެ ހާދިސާއަކަށް ފަހު ބަންދު ކުރި މޫކައި ސުއިޓްސް ހުޅުވަން މަދުވެގެން ދެ ހަފްތާ ނަގާނެ ކަމަށް އެތަނުގެ ޖެނަރަލް މެނޭޖަރު އިބްރާހިމް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން ވަރަށް ބާރަށް މަސައްކަތްކުރަމުން މި އަންނަނީ. އެކަމަކު [ކަރަންޓު] ކޭބަލްތަކަށް ގެއްލުންވެފައިވާތީ އެކްސްޕާޓުންގެ ލަފައާ އެއްކޮށް ކުރިއަށް ދާން މި މަސައްކަތްކުރަނީ،" އިބްރާހިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ އިމާރާތުގައި ހިންގާ ދައުލަތުގެ ދެ އޮފީހަށް ވަގުތީ ގޮތުން ކަރަންޓު ދޭން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ހައްޖު ކޯޕަރޭޝަން އާއި އެންސްޕާގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިފްޓުގަ ވެސް ކަރަންޓެއް ނުހުންނާނެ. ރޯދަ މަހު އުނދަގޫ ވެސް ވާނެ ދެއްތޯ ސިޑިން ފަސް ވަނަ ބުރިއަށް އަރަން؟" އިބްރާހިމް ވިދާޅުވި އެވެ.
އެތަނުގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވީ ގްރައުންޑް ފްލޯގައި ހުރި ކަރަންޓު ކޭބަލްތަކެއްގަ އެވެ.