ބަދަލުތަކަކާ އެކު 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ

ރާއްޖޭގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި 10 ހޮސްޕިޓަލަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ 10 ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ޚިދުމަތްތެރިން ހަމަކޮށް، މެޝިނަރީޒް އާއި ބޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާ އަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ހޯދަން އުފުލާ ތަކުލީފު ލުއިވެ، އެ ހޮސްޕިޓަލްތަކާ ކައިރި ރަށްތަކުގެ މީހުންނަށް ވެސް ހިދުމަތް ހޯދަން ފަސޭހަވުމެވެ.

ޚިދުމަތް ތަރައްގީ ކުރަމުން އަންނަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ހޮސްޕިޓަލްތައް ކަނޑައެޅުމުގައި އެންމެ ބޮޑަށް ހައްލު ހޯދަން ޖެހިފައިވާ ތަންތަނާއި އާބާދީ އާއި ޚިދުމަތުގެ ފެންވަރަށް ވެސް ބަލާފައިވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ، އަދި ދުވަހުން ދުވަހަށް ބޭނުންވާ ހައްލުތައް ވެސް ބަޖެޓް ތެރެއިން ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ވަރަށް ގިނަ ސިއްހީ މަރުކަޒުތައް 24 ގަޑިއިރު ޚިދުމަތް ދޭ ތަންތަނަށް ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ސިފަކުރެއްވީ އެއީ ނަމެއްގައި ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ. އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަކޮށް، ވަސީލަތްތައް ގާއިމްކޮށްފައި ނުވާ ކަން އަމީން ވިދާޅުވި އެވެ.

"އެ ރަށްރަށުގެ މީހުން ހަގީގަތުގައި ވަރަށް ދަތި އުނދަގުލުގައި ޚިދުމަތް ހޯދަމުން އަންނަނީ. ބައެއް ރަށްރަށުގެ މައްސަލަތައް ތިބޭފުޅުންނާ ހަމައަށް ފެންމަތިވި ކަމުގައި ވިޔަސް އެއަށް ވުރެ މާ ތަކުލީފުގައި މި ރަށްރަށުގެ މީހުން ޚިދުމަތް ހޯދަމުން އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ 22 ހެލްތު ސެންޓަރެއްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލްތަކަށް ވެސް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ހައްލުކޮށް، ޑޮކްޓަރުން ރެކްރޫޓް ކުރުމާއި މިހާރު ތިބި ޑޮކްޓަރުންގެ ފެންވަރު މަތިކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރިއާ ތަފާތުކޮށް، އެކަން މިހާރު ކުރަނީ ސީދާ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އަމީން ވިދާޅުވި އެވެ.