ހަޔަ އެޗީވާސް ސްކޮލަޝިޕުގައި ކިޔަވާ ދަރިވަރުން، އޯއީސީޑީ ގައުމުތަކުން ކިޔަވަން ހުޅުވާލައިފި

ހަޔަ އެޗީވާސް ސްކޮލަޝިޕުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް، އޯއީސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި ސްކޮލަޝިޕުގައި ކުރިން ކިޔެވެނީ ހަމައެކަނި ސާކް ގައުމުތަކުގެ އިތުރުން މެލޭޝިއާ، ތައިލެންޑް، ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު ވަނީ ހަޔަ އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފަ އެވެ.

ނަމަވެސް މިނިސްޓްރީން އޭރު އިއުލާނުކުރީ، ހަޔަ އެޗީވާސް ސްކޮލަޝިޕުގައި މުޅިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އޯއީސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. އެކަމަކު މިިދިޔަ މާޗު މަހު ވަނީ، އެ ސްކޮލަޝިޕުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އިއުލާނުކޮށްފަ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަޔަ އެޗީވާސް ސްކޮލަޝިޕަށް 79 ދަރިވަރަކު ޝަރުތުހަމަވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް އޯއީސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް އެ ފުރުސަތު ފަހިކޮށްދޭން ފަށާފައިވާކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ ސްކޮލަޝިޕުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން، ހަޔަ އެޑިއުކޭޝަންގެ ސްކޮލަޝިޕް ސެކްޝަންގެ އީމެއިލް schol@mohe.gov.mv މެއިލްކޮށް އެކަން އަންގައިދިނުމަށް އެދިފައިވެ އެވެ.

ސްކޮލަޝިޕް ލިބުނު ބައެއް ދަރިވަރުން އަދި ކިޔަވާކަށް ނުފަށަ އެވެ. ނަމަވެސް އެ ދަރިވަރުންނަށް ވެސް އާ ފުރުސަތުގެ ދަށުން ކިޔެވޭނެ އެވެ.

އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތަށް ބަދަލު ގެނައުމުން، ތައުލީމީގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ.

އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ ސްކޮލަޝިޕެއް މިހާރު ދެ އެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް ދެނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.