އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އަޅަން އޭޕީސީއާ ހަވާލުކޮށްފި

އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް އަށް އަޅަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


އައްޑޫ ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ އެވެ.

އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭޕީސީގެ ފަރާތުން ސޮއިކުރެއްވީ ޝަމާ އަބްދުﷲ އެވެ.

އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.

ކައުންސިލުން ބުނީ ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި ހަދާ ބެޑްމިންޓަން ކޮމްޕްލެކްސްއަކީ 4 ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެ ބުރި އަށް ހަދާ ތަނެއް ކަމަށެވެ.

މި މަޝްރޫއަށް 6،061،191.4ރ. ހަރަދުވާ އިރު މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަން ނިންމި އިރު، އައްޑުއަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަނުން ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަކެވެ.