ތަމްރީނުތައް ފެށީ ވަކި ކަމެއް މެދުވެރިވެގެނެއް ނޫން: އެމްއެންޑީއެފް

ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ މާލޭގައި ތަމްރީނުތަކެއް ފެށީ ވަކި ކަމެއް މެދުވެރިވެގެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


ސިފައިންނާއި ފުލުހުން ގުޅިގެން މިރެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނުގެ ނިޔަލަށް ތަމްރީނުތަކެއް ވަނީ ފަށައިފަ އެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދަނީ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެއަށް އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އެ ތަމްރީނުތަކަކީ ސިފައިންނާއި ފުލުހުން ގުޅިގެން މި މަހުގެ ކުރީކޮޅު ފެށި ތަމްރީނުތަކުގެ ދެވަނަ ސިލްސިލާ ކަމަށެވެ. އަދި އެއީ ވަކި އިތުރު ކަމެއް މެދުވެރިގެން ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް ދިވެހި ސިފައިންގެ ބަޔާނުގައި ވެ އެވެ. އެކަމަކު، އާންމުންނަށް ޝައްކުވާ ބާވަތުގެ ކަމެއް ހިނގާ ނަމަ، އެކަމުގެ މައުލޫމާތު ދިނުމަށް އެ ބަޔާނުގައި އެމްޑީއެފުން އެދިފައި ވެ އެވެ.

"އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާ ނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުއްވައި، މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސް ކުރަމެވެ،" ސިފައިންގެ ބަޔާނުގައި ބުންޏެވެ.

މިރޭ ފެށި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމުގެ އިތުރުން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ވެސް ބަލައި، ފާސްކުރާނެ ކަމަށް އެމްއެންޑީއެފުން ކުރިން އޮތީ ބުނެފަ އެވެ.