މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ހޮވާފައިވާ އާ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް މަޖިލިހުގެ އިދާރާ އިން މިއަދު އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ 19 ވަނަ ދައުރަށް ހޮވި 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރެއްވުން ވެސް އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10:00 ގަ އެވެ. މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާ އޮންނާނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އެ ރޭގެ 10:30 ގަ އެވެ. މެމްބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމުގެ ޖަލްސާ ވެސް އޮންނާނީ މަޖިލިހުގެ އިދާރާގަ އެވެ.
މަޖިލިހުގެ އާ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. އެއީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލިހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުންނެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމަށް ގާނޫނުއަސާސީގައިވާ ގޮތުން ނަގަން ޖެހެނީ ސިއްރު ވޯޓެކެވެ. އެކަމަކު، މަޖިލިހުގެ މެމްބަރުން އެ ނޫން ގޮތަކަށް ފާސްކޮށްފި ނަމަ ހާމަ ވޯޓު ނެގޭނެ އެވެ. އެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޯމަ ދުވަހު ވޯޓު ނެގުމަށް ވަނީ ނިންމައިފަ އެވެ.
މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ވިދާޅުވެ، އަފީފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
ނަމަވެސް އަސްލަމް ވިދާޅުވަނީ ރައީސްގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށެވެ. ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ. އަސްލަމަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
އާ މަޖިލިހުގެ ސާފު އަޣުލަބިއްޔަތު 65 މެމްބަރުންނާ އެކު ހޯދާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.