ހއ. އުލިގަން. އެ ރަށަށް ހޮނު އަޅައި ބައެއް ގޭގައި ހުރި އިލެކްޓްރޯނިކް ސާމާނަށް ވަނީ ގެއްލުންތަކެއް ލިބިފައި.
24 މެއި 2019 - 11:15
ހއ. އުލިގަމަށް ކުރި ވިއްސާރާގައި ހޮނު އަޅައި ބައެއް ގޭގައި ހުރި އިލެކްޓްރޯނިކް ސާމާނު ރޭ ހަލާކުވެއްޖެ އެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު "މިހާރު" އަށް ވިދާޅުވީ ހޮޅު އެޅި ވަގުތު ކަރަންޓަށް ޖަހާފައި ހުރި ބައެއް ތަކެތި އަނދައި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެފައިވާ ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ.
"ރޭ 12 ޖަހާ ކަން ހާއިރު، ގުގުރުމާއި ވިދުން ހުރި ގާތްގަނޑަކަށް ތިން ގަޑި އިރު، ހޮނު އެޅުމުގެ ސަބަބުން ދިރާގު 4ޖީ ހިދުމަތް އެއްކޮށް މެދުކެނޑުނު. އެކަމަކު، މިހާރު އެ ހިދުމަތް ކޮންމެވެސް ވަރަކަށް ލިބެން ފަށާފައި ވަނީ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
ގެއްލުންތަކުގެ ސަބަބުން އެ ރަށުގައި މޯބައިލް ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ރަށަށް ކުރި ވިއްސާރަ އަކީ ފަހުގެ ތާރީހެއްގައި އެންމެ ގަދަ އަށް ކުރި ވިއްސާރަ އެވެ. އެގޮތުން ރަށަށް ބޯކޮށް ވާރޭ ވެސް ވެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނައިރު ބައެއް ރަށްރަށުގައި ފެން ބޮޑުވެ ބައެއް ގެއްލުންތައް ވެފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ، އެކަމަކު ކުޑަ އާބާދީއެއް އޮންނަ އުލިގަމަކީ ދަނޑުވެރި ރަށެކެވެ. އެންމެ އުތުރުން ދެ ވަނަ އަށް އޮންނަ މި ރަށުގެ ބޮޑުމިނުގައި 112 ހެކްޓަރު ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
24 May 2019
ހޯރަފުށީ ރަށްއިތުން އުލިގަމް ރަށްއިތުންނަށް އެއްބާރުންދޭތި. ކުރިންވެސް ދިންގޮތަށް.